ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށް، މަނީލޯންޑަރިންގެ ދައުވާ ކޮށްފައިވާ ދެ މީހުން އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަގައި ހައްޔަރުކުރީ، ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު (35އ) އަދި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ ހަސަން އާޒިމް (30އ)އެވެ.
އެންމެ ފުރަތަމަ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2024 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. މި ދެމީހުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ނަމަވެސް މި ދިޔަ އަހަރު ޖަނަވަރީ މަހު ހައި ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ ދެމީހުން މިނިވަންކޮށްފައެވެ.
އެ ދެމީހުން މިނިވަންކުރިތާ ކުޑަދުވަސްކޮޅެއް ފަހުން އަލުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލައާ ގުޅިގެން އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޏ. ފުވައްމުލަކު ކޯޓުން ނެރުނު އަމުރު ރާއްޖޭގެ ހައިކޯޓުން ބާތިލުކުރި ނަމަވެސް، އައު އަމުރެއްގެ ދަށުން އެ ދެމީހުން އަލުން ހައްޔަރުކޮށް ބަންދުކުރުމަށް ހުރަހެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވީ ނަމަވެސް މިދިޔަ އަންގާރަ ދުވަހު އަނެއްކާވެސް އެމީހުން ދޫކޮށްލަން ކޯޓުން އަމުރުކުރުމާ ގުޅިގެން ދެވަނަ ފަހަރަށް ފުލުހުން ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ.
ފުލުހުން ބުނީ އެ ދެ މީހުން އަލުން ރޭ ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
