ކެނަބިސް ޓްރެފިކް ކުރި މައްސަލައި ހައްޔަރު ކުރި ހަމްދޫން އަހްމަދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނުވަ އަހަރާއި 10 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ދަފްތަރު ނަންބަރު ދރ 2069 / މާލެ، ހަމްދޫން އަހްމަދު (31އ) ހައްޔަރުކޮށްފައި ވަނީ، އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިޔަފާރި ކުރާ ކަމަށް ކައުންތާ ނާކޮޓީކްސް އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެބްރުއަރީ 7، 2024 ދުވަހުގެ ރޭ 10:24 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ. އެރޭ ފުލުހުން ވަނީ މ. ޝަބީނާ ގޭގެ 8 ވަނަ ފަންގިފިލާގެ ވާތްފަރާތުގައި ހުންނަ އެޕާޓްމަންޓަށް ބަަލައި ފާސްކޮށްފައެވެ.
އެތަނުން ޖުމްލަ 208 ގްރާމްގެ ކެނަބިސް ފެނިފައިވާ އިރު، އެ ތަކެތި ފެނިފައިވަނީ ފިލްމް ހުސްކުރި ދަޅުންނާއި ސެލޯފިން ކޮޅުތަކުގައި ޕެކްކޮށްފައި ހުއްޓައެވެ. ހަމައެއާއެކު މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި ފިލްމް ހުސްކުރި 3 ދަޅާއި ސެލޯފިން ރޯލެއް ވެސް ފެނިފައި ވެއެވެ.
މި މައްސަލަ ބަލައި މި މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ހަމްދޫން އާއެކު ޕީޖީން ހަދާފައިވާ އެއްބަސްވުމާއެއްގޮތަށް 12 އަހަރާއި 6 މަހަށް އޭނާ ޖަލަށް ލާން ހުކުމް ކުރާ ކަމަށާއި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް ކަނޑައަޅާ ކަމަށެވެ. ޖޫރިމަނާ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާފައެވެ.
މި އަދަބު ކަނޑައެޅި އިރު އޭނާ ވަނީ ޖަލު ބަންދުގައި ދެ އހަަރާއި އެއް މަހާއި 18 ދުވަސް ހޭދަކޯށްފައި ވާޓީ އެ މުއްދަތު ކެނޑުމަށް ފަހު ހަމްދޫން ދެން ޖަލުގައި ހޭދަކުރަން ޖެހޭނެ މުއްދަތަކީ 9 އަހަރާއި 10 މަހާއި 12 ދުވަސް ކަމަށް އެ ހުކުމުގައި ބުނެފައި ވެއެވެ.
ފުލުހުން ބުނެފައި ވަނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
