ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށާއި، ބޭނުންވަނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް މިހާރު ހުންނާނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ރައްޔިތުންނާ ހިއްސާކޮށްފަކަމަށާއި، އަދި އެމަނިކުފާނުގެ ވިސްނުމުގައި ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަކީ އެއްވެސްވަރަކަށް ގެންގުޅުއްވާ ވިސްނުމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ވަކި ފެންވަރެއް ބެހެއްޓުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލާކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ތައުލީމީ ޖީލެއް މިގައުމުގައި ބިނާކޮށް އެފަރާތްތަކަށް ފުރުސަތުތައް ހޯދަދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަޖިލީހަށް ވިޔަސް، ކައުންސިލަށް އަދި ރައީސަކަށް ވިޔަސް ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ތާއީދު ކުރައްވާކަަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މައުލޫއަށް އާންމުންގެ މެދުގައި މަޝްވަރާކޮށް ހިޔާލު ހޯދަން ބޭނުންވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މަޖިލީހަށާއި އެހެން އިލެކްޓެޑް މަގާމަކަށް އަންނަ މީހަކުގެވެސް ތައުލީމީ ފެންވަރު ކަނޑައެޅިފަ އޮންނަން ވާނެކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާއިރު މިހާރުވެސް ގާނޫނުގަ އޮންނަ ތައުލީމީ ފެންވަރު މަތިކުރަން ބޭނުންވާކަަމަށެވެ.

"ތައުލީމީ މީހުންނަށް ފުރުސަތު އިސް ކަން ލިބުން އެއީ އަޅުގަނޑުގެ މަފްހޫމަކީ އަޅުގަނޑުގެ މިވާހަކައިގެ. އެހެންވީމަ އެޓާގެޓް ހާސިލުކުރުމަށްޓަކައި ތައުލީމީ މީހުންނަށް އިސްކަންލިބުން، ތައުލީމާއި ތަޖުރިބާ، ހަމައެކަނި ތައުލީމެއް ހުއްޓަކަސް އަދި ނުވާނެ، އިލްމާ އެއްވަރަށް ހިލްމުވެސް ހުންނަން ޖެހޭނެ، އެހެންވީމާ އެންމެ ކޭޕަބަލް ހުރިހާ ގޮތަކުންވެސް ކޭޕެބަލް މީހުން ހޮވާލެވިގެން އައިސް އެމީހުންނަށް ފުރުސަތު ލިބުން، އެ ނިޒާމަށް އަޅުގަނޑު ވަރަށް ތާއީދު ހަމަ." ރައީސް މުއިއްޒު

މީގެއިތުރުން އިންކްލޫސިވިޓީ އިތުރުކޮށް މެއިންސްޓްރީމް ކުރަން އިސްކަން ދެއްވާކަމަށް ވިދާޅުވެ، މަޖިލީހަށް ހޮވޭ މެމްބަރުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި އިންސައްތައެއް، އަންހެނުންނަށް ވަކި އިންސައްތައެއް އަދި ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާ ކުރަން މުހިންމުކަމަށް ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

މިކަންކަމަށް މަޝްވަރާކޮށް، ކަންކަން ނިންމުމުގައި އިންކްލޫސިވިޓީ ޓްރޫ މާނައިގަ ރިޕްރެޒެންޓްވާން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.