ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 އަހަރުވީ ދިގު ތާރީހުގައި އެންމެ ކާމިޔާބު އަހަރަށްފަހު، ރެކޯޑު މާލީ ނަތީޖާއަކާއެކު އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ރޭ ބާއްވައިފިއެވެ.

މި ޖަލްސާގައި ބޭންކުގެ ހިއްސާދާރުންނާ މުހާތަބު ކުރައްވައި ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަރީފް ވަނީ ބޭންކުން ހޯދާފައިވާ ތާރީހީ ކާމިޔާބީތަކާއި، ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ހާއްސަކޮށް، ޑިޖިޓަލް ކުރިއެރުންތަކާއި ކަސްޓަމަރުންނާއި މުޖުތަމައަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އެރުމެވެ. މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، ކަސްޓަމަރުން ބޭންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.

"2025 ވަނަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން. އެއީ ގައުމީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް،"
ސީއީއޯ މުހައްމަދު ޝަރީފް

ރޭގެ ޖަލްސާގައި ބޭންކުގެ ހިއްސާދާރުންނާ މުހާތަބު ކުރައްވައި ޝަރީފް ވިދާޅުވީ މިދިޔަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫންކަމަށާއި، އެއީ ގައުމީ ބޭންކެއްގެ ގޮތުގައި ބީއެމްއެލްގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއްކަމަށެވެ. އަދި ބޭންކުގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި ފައިސާއިން ނޫން ކަމަށާއި، ދިވެހިންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކުން ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ބޭންކުގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސްޓެރެޓެޖީގެ މައިގަނޑު ތިން ތަނބު ކަމަށްވާ ޑިޖިޓަލް ހިދުމަތް، ކަސްޓަމަރުންނަށް ދޭ ހިދުމަތް، އަދި ދެމެހެއްޓެނިވި މަސައްކަތްތަކަށް ބޭންކުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ބޭންކުގެ ހިންގުން ހަރުދަނާކޮށް، ދިވެހި މުވައްޒަފުންނަށް އިންވެސްޓްކޮށްގެން "ދިވެހީންގެ ބޭންކުގެ" ގޮތުގައި ދެމިތިބުމަކީ ބޭންކުގެ އަމާޒުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށާއި، މުވައްޒަފުންނަށާއި، ބޭންކުގެ ބޯޑު އޮފް ޑައިރެކްޓަރުންނަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެކަމުގެ އުއްމީދު އޭނާ ފާޅުކުރެއްވިއެވެ.