ދިވެހި ފުލުހުންގެ ހިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގް ކުރިމަތީގައެވެ.
މި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާންއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވިކަމަށް ފުލުހުން ބުނެފައިވެއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުއްޝުކޫރު އަބްދުﷲ އާއި ދިވެހި ދައުލަތަށް 35 އަހަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކައުންސެލް ޖެނެރަލް އަލްއުސްތާޒު ހަސަން ހަމީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ. މި ދަފުތަރުގައި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހަދު ފިކުރީއާއި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން ސޮއިކުރެއްވިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފަވާކަމަށެވެ. އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
