މާލެ ސިޓީ އަދި ހުޅުމާލޭގައި އިހުސާސް ކުރެވޭ ހޫނުމިން އެންމެ ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ކޮންކްރިޓް ބިލްޑިންތައް ގިނަވުމުން ކަމުގައި މެޓް އޮފީހުގެ މީޓޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަމުން ވަހީދު ވިދާޅުވީ އާންމު ގޮތެއްގައި މި ދުވަސްކޮޅު އިހުސާސް ކުރެވޭ ހޫނުމިން 36 ޑިގްރީ ސެލްސިއަސްގައި ހުރި ކަމަށާއި، މި މަހުގެ 21 ވަނަ ދުވަހު މާލެ އޭރިއާ އެހެން ހިސާބުތަކަށްވުރެ ހޫނުގަދަކަމަށް ފާހަގަކުރެވުނުކަމަށެވެ. އެގޮތުން އެދުވަހު 38 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން ހުރިކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ގަދަ ހޫނު މުޅި ދުވަހު ހިފެހެއްޓިފައިހުންނަކަމަށާއި މިހެން ދިމާވަނީ މިދުވަސްވަރަކީ ވިއްސާރަ މަދު ދުވަސްތަކެއް ކަމަށް ވުމުން ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ހުސައިން ވަހީދު ވިދާޅުވީ ކޮންކްރިޓް ބިލްޑިންތައް މާލޭގައި ގިނަ ވުމުން، މި ބިލްޑިންތަކުގައި ހޫނު ހިފެހެއްޓިފައިހުންނަކަމަށާއި ރާއްޖޭގެ އެހެން ރަށްތަކާއި އަޅާބަލާއިރު މާލެ އޭރިއާ އެންމެ ހޫނުގަދަވާ މައިގަނޑު ސަބަބަކީ މިއީ ކަމަށެވެ. އަދި މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށްވެސް ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.

ކުުރިއަށް މިއޮތް ހަފްތާގައިވެސް ހާއްސަކޮށް އުތުރުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ވަރަށް ކުޑަކަމަށާއި، ނަމަވެސް މިއަދުގެ ފަހުން ކޮންމެސް ވަރަކަށް ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އޭޕްރީލް މެދުތެރެއަށްފަހު ވާރޭ ވެހޭނެކަމަށް ލަފާކުރެވޭނެކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓާ ފާތިމަތު ޝައުބާނާ ވިދާޅުވީ ހޫނުގަދަވުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި، ބޯ އެންބުރުން، ހަންގަނޑު އެދުން އަދި އަކުނިވަޔަށްދެމުމާއި ކުޑަކަމު ދިއުމަށް ދަތިވުން ފަދަ ކަންކަންވެސް ކުރިމަތިވާކަމަށެވެ.

އެހެންކަމުން އެންމެ ހޫނުގަދަވާ ވަގުތުގައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ކުޑަ ބޭނުންކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ފެން ބުއިމާއި، އަވީގައި އުޅޭ ވަގުތު "ސަންލޯޝަން" ބޭނުންކުރުމުގެ އިތުރުން އަވި އައިނު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.