މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމާއި ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުމުގެ މައްސަލަތައް ދަނީ ފާހަގަކުރެވެމުންނެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އުފައްދާފައިވާ އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް މިހާރު ވަނީ ފެންމަތިވާން ފަށާފައެވެ.

މިފަދަ މައްސަލަތަކުގެ ތަހުގީގުން އެނގޭ ގޮތުގައި، ގިނަ ފަހަރަށް މިފަދަ އަމަލުތައް ހިންގަނީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންނެވެ. މިގޮތުން އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާކަން ފުލުހުން ފާހަގަކުރެއެވެ.

މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއްކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުވެގެންދެއެވެ.

މިފަދަ ކުށްތަކުން ރައްކާތެރިވުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި ހިއްސާކުރުމުގައި ފަރުވާތެރިވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އެއްޗެއް ހިއްސާކުރެވޭ ހިސާބުން އެ އެއްޗެއްގެ ކޮންޓްރޯލް ގެއްލި، އެހެން ފަރާތްތަކަށް ފެތުރިދާނެ ކަމުގެ ބިރު އޮންނާނެކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

ފުލުހުން އިތުރަށް ބުނީ، މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ހަރުދަނާކަމާއެކު ކުރަމުންނެވެ. އެހެންކަމުން، އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.