ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ހުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަަބަރަކީ ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްދެމުން ފުލުހުންގެ އިދާރާއިން ބުނީ، އޭސީޕީ ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލައި، ނުވަތަ އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލުކޮށް، އެއްވެސް އިރެއްގައި އޭސީޕީ ހުސައިން ރަޝީދާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާކަން އެ އިދާރާގެ ރިކޯޑުތަކުން ސާފުކޮށް އެނގެން އޮތްކަމަށެވެ.

ފުލުހުންގެ އިދާރާއިން އިތުރަށް ބުނެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑްގެ މަގާމަށް އޭސީޕީ ޙުސައިން ރަޝީދު އައްޔަނުކޮށްފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލުތަކަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މީޑިއާތަކުގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން ފުލުހުންގެ އިދާރާއިން މިކަން ސާފުކޮށްދީފައި މިވަނީ، މުއައްސަސާގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް ހަގީގަތާ ހިލާފު ވާހަކަ ފެތުރެމުންދާތީއެވެ.

އޭސީޕީ ހުސައިން ރަޝީދު، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.