ތެލުގެ އަގު ބޮޑު ނުކުރާނެ ކަމަށް ކުރިން ބުނެފައިވަނީ ކުރިން ގެނެސްފައި ހުރި ޝިޕްމެންޓުންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ ކުރިން ލޯޑު ކޮށް ޑިސްޗާޖުކުރަމުން ދިޔަ ޝިޕްމަންޓުތަކުގެ އަގު ބަދަލުކުރުމުގެ ވިސްނުން ނެތް ކަމަށް ކުރިންވެސް ބަޔާންކޮށްފައިވާނެ ކަމަށާއި، ނަމަވެސް އޭރު އޮތީވެސް ދެ ފަހަރަކަށް އަގު ބޮޑުކޮށްފައި ކަމަށެވެ. ކުރިން ތެލުގެ އަގު ބޮޑު ނުކުރާނެ ކަމަށް ބުނެފައިވަނީ ކުރިން ގެނެސްފައި ހުރި ޝިޕްމެންޓުންކަން ޒަމީރު ވަނީ ފާހަގަކޮށްފައެވެ.
އިތުރަށް ޒަމީރު ވިދާޅުވީ މިހާރު ތެލުގެ އަގު ބަދަލުކޮށް ގެނެސްފައިވާނީ އެކި އިންޑަސްޓްރީތަކަށް ތަފާތުކޮށް ކަމަށާއި، ސަސްޓެއިންކޮށް ގެންދެވޭނެ ފަދަ ގޮތަކަށް ކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.
ތެލުގެ އަގުތަކަށް ބަދަލު ގެންނަނީ އެވަގުތަކު ހުންނަ ސްޓޮކަށް ބެލުމަށްފަހު ވަކި ވަރަކަށް އޭގެން ފައިސާ ރިޓާން ލިބެން ޖެހޭނެ ކަމަށް ބަލާފައިކަމަށާއި، އަދި ކޭޝް ފްލޯއަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.
އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވެފައިވެއެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ތެޔޮ ސަޕްލައި ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ރާއްޖެ އާއި ދިވެހިންނަށް ކުރާވަރު ވީހާ ވެސް ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާ އެކު، ވަރަށް ހަލުވިކޮށް، ރޭވުންތެރިކަމާ އެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ދާދިފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ.
