ލަންކާގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ގާއިމުކުރަން ބޭނުންވާ ލައިސަންސް ހޯދުމަށް ސްރީލަންކާގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ. ލައިސަންސް ހޯދުމުގެ އިތުރުން ރާއްޖެއިން ބޭރުގައި ބޭންކުގެ ބްރާންޗެއް ހުޅުވާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވާ ޝަރީފް ވިދާޅުވީ ބޭރު ގައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭވަރަކަށް ބޮޑު ކަމަށާއި، މިހެންކަމުން ބީއެމްއެލްގެ ބްރާންޗްތައް ބޭރު ގައުމެއްގައި ހުޅުވާއިރު ބޭންކުގެ ކެޕިޓަލް ރަނގަޅުވާންޖެހޭނެ ކަމަށެވެ. އަދި މިހާރު ބީއެމްއެލްގެ ކެޕިޓަލް 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ބޭރު ގައުމެއްގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާއިރު ބޭންކުގެ ކެޕިޓަލް މިހާރު ހުރި ވަރަށްވުރެއްވެސް ރަނގަޅުވާން ޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދުމަށް އެދިފައިވާނީ، ބީއެމްއެލްއަށް ލަންކާގައި އެބޭންކުގެ ބްރާންޗެއް ހުޅުވޭނެކަމުގެ ގާބިލިއްޔަތު ހުރިކަމަށް ގަބޫލުކުރެވޭތީކަމަށެވެ. އެގޮތުން ލައިސަންސް ހޯދުމަށް ބޭނުންވާ ޕްރޮޕޯސަލްތަކާއި ލިޔެކިޔުންތައް މިހާރު ހުށަހަޅާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.