ސަރުކާރުން ޖުމްލަ 19 އަތޮޅެއްގައި ގާއިމު ކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 456 މުވައްޒަފަކު ނަގަން ނިންމާފައިވާކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓާ މިހެން ވިދާޅުވެފައިވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން މިނިސްޓާ ވިދާޅުވީ ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ނިންމާފަވާކަމަށެވެ. އަދި 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކުއިޕްމަންޓް ހޯދުމަށް 9،130،173.36 ޑޮލަރު (ނުވަ މިލިޔަން އެއްލައްކަ ތިރީސްހާސް އެއްސަތޭކަ ހަތްދިހަ ތިންޑޮލަރު ތިރީސް ހަ ސެންޓް) ހަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލި ހިމެނެއެވެ.

މިނިސްޓާ އިތުރަށް ވިދާޅުވީ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 456 މުވައްޒަފަކު ނެގުމަށް ނިންމާފަވާކަމަށެވެ. އެގޮތުން 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން ނަގާއިރު 4 މޯބައިލް ޔުނިޓަށް 60 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މީގެ ތެރެއިން މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސް އިން އެޕްރޫވަލްކޮށްފައި ވަނީ 141 މަގާމު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ދީފައިވަނީ ހއ. ދިއްދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމާއި، ނ. މަނަދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމާއި، އދ. މަހިބަދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 22 މަގާމާއި، ވ. ފެލިދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމު، އަދި ތ. ވޭމަންޑޫ ޕަބްލިކް ވޯކްސް ޔުނިޓަށް 23 މަގާމުގެ އިތުރުން ގއ. ވިލިނގިލި ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމެވެ.

މިނިސްޓަރ ވިދާޅުވީ، އަތޮޅު ތަކުގައި އޮފީސް އިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސަށް މިހާރު ހުށަޅާފައިވާ ކަމަށެވެ.