ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަދައިފި އެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޓެކްސީ ލައިންގެ ހިދުމަތާ ގުޅެން ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންނަށް، އެމްޓީސީސީ އިން ޓެކްސީ ލައިންގެ ޑްރައިވަރުންނަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ އެމްޓީސީސީން ފުލް ޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރައިވަރުން ހޯދުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން ފަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭރު ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކުރިއިރު ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ހުޅުވާލިއެވެ. ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ.
އެމްޓީސީސީ އިން ވަނީ މިމަހުވެސް ޑްރައިވަރުން ހޯދުމަށް ވޯކިން އިންޓަވިއު އެއް ކުރިއަށް ގެންގޮސްފައެވެ.
