ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާޖިއޯ ގޯއާއެކު ބައްދަލުވުމެއް ބޭއްވި ނަމަވެސް ހަނގުރާމައާ ގުޅިގެން ދައްކަވާނެ ވާހަކައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމެރިކާގެ ހާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިޒްރޭލު ނޫން އެހެން ގައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފިކަމުގައިވާނަމަ، އެ ފުރުސަތު ދެއްވާނޭކަމަށެވެ.

އަދި ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ، ދިވެހި ސަރުކާރާއެކު އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށާއި، އެހެންނަމަވެސް ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، ހަނގުރާމައިގެ މައުލޫ ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިރާއްޖޭގެ ބިމުގެ ސަރަހައްދެއްވެސް ކަނޑުގެ ސަރަހައްދެއްވެސް އަދި ވައިގެ ސަރަހައްދެއްވެސް އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާނޭ ފުރުސަތު، އެއްވެސް ގައުމަކަށް ނުދޭނަން"
ރައީސް

މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށާއި، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލާގޮތަށް ހަމަލާދިނުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމަށް ވިދާޅުވެ، މިހާރުން މިހާރަށްވެސް ހަމަލާތައް ހުއްޓާލުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

އިޒްރޭލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތިން އެއްގޮތަކަށްވެސް މައާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.