ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންކުރުމަށް ހާއްސަ ނަންބަރެއް އެމްޓީސީސީން މިއަދު ތާއަރަފުކޮށްފިއެވެ.
އެމްޓީސީސީން ސަރުކާރުގެ ޓެކްސީ ލައިނަށް ގުޅުމަށް ތައާރަފުކޮށްފައިވާ ނަންބަރަކީ 1655 އެވެ. މީގެ އިތުރުން އެމްޓިސީސީން މިއަދު ވަނީ ސަރުކާރުގެ ޓެކްސީ ލައިންގެ ނަމާއި ނަމްބަރު ދައްކާލާފައެވެ. އެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިން ދީފައިވާ ނަމަކީ މާލޭ ޓެކްސީއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ކަމަށް މީގެ ކުރިން ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ނަމަވެސް އެ ތާރީހުގައި ހިދުމަތް ފެށިފައެއް ނުވެއެވެ. އަދި ފަހުން މި ހިދުމަތް ފިތުރު އީދު ދުވަހު ފަށާނެކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އަދި މި ހިދުމަތް ފެށިފައެއް ނުވެއެވެ.
މީގެ އިތުރުން އަމީން ވަނީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ތިން މޮޑެލްއެއްގެ ކާރު، ދެ ބެޗަކަށް ބަހާލައިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ބެޗު ގެންނަނީ ތައިލެންޑުން ކަމަށާއި ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާ އިން ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ އެމްޓީސީސީން ފުލް ޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރައިވަރުން ހޯދުމަށް އިއުލާންކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭރު ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކުރިއިރު ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ހުޅުވާލިއެވެ.
