ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އަނެއްކާވެސް ވޯކިން އިންޓަވިއު އެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އިންޓަވިއު ކުރިއަށް ދާނީ މާދާމ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެން ކަމަށެވެ. އިންޓަވިއު އޮންނާނީ މާފަންނު ބަސް ޓާމިނަލުގައެވެ.
މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައިވެސް އެމްޓީސީސީން ވަނީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުން ހޯދުމަށް ވޯކިން އިންޓަވިއުއެއް ބާއްވާފައެވެ.
ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ އެމްޓީސީސީން ފުލް ޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރައިވަރުން ހޯދުމަށް އިއުލާންކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭރު ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކުރިއިރު ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ހުޅުވާލިއެވެ. ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ.
މީގެ ކުރިން އެމްޓީސީސީން ބުނީ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
