މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން ފެށިގެން ސެގްމެންޓް 5 އާ ހަމައަށްވާ ސަރަހައްދުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށްދާ ވަގުތު އާންމު ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޓްރެފިކްއަށް ގެނެސްފަިއވާ ބަދަލުތައް ދައްކުވައިދޭ ޗާޓެއް

މި ބަދަލާ ގުޅިގެން، މަސައްކަތް ކުރިއަށްދާ ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް، މިރޭ 12 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މަގު ހެދުމުގެ މިފަދަ މުހިންމު މަޝްރޫއުތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.

މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ ދެ ސެގްމެންޓެއް ތަރައްގީކޮށް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.