ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން މިއަދު ބިންގާ އެޅިގެން ދިޔަ 1224 ޔުނިޓަކީ ތަފާތު ވިސްނުމެއްގެ ތެރެއިން އުފެދިގެން އައި ހައްލެއްގެ ތެރެއިން އުފަންވި މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން 1223 ޔުނިޓްގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ ބޯހިޔާވަހިކަމެއް ނެތް ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މައްޗަށް ކަމަށެވެ. ވަކިން ހާއްސަކޮށް ނިކަމެތި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހާއްސަ އިސްކަމެއް ދޭ ގޮތަށް ކަމަށެވެ.

އެ މަނިކުފާނަކީ ރައްޔިތުންނައްޓަކައި ކަންކަން ކޮށްދެއްވުމުގައި މާޔޫސްވެވަޑައިގެން ދޫ ދެއްވާ ރައީސް އެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި އެ ދުވަސްވަރު ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވެވަޑައިގެން ކަންކަން ކުރެއްވުމަށް ބަޖެޓުގައި ޖާގަ ނެތް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެ ދުވަސްވަރު ރާއްޖެއިން ބޭރުން ލޯނު ހޯދުމުގައި ވެސް ދަތިތަކެއް ހުރުމުން މިނިސްޓަރުންނަށް، ރައީސް އިރުޝާދު ދެއްވީ ތަފާތުކޮށް ވިސްނަވައި މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ރައީސްގެ ދުރު ވިސްނުންފުޅާއެކު ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް ހައްލުތަކެއް ހޯދުނު ކަން މުއްތަލިބް ފާހަގަ ކުރެއްވިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަ ދައްކަވަނީ

މިއަދު ބިންގާ އެޅިގެން މިދަނީ އެފަދަ ތަފާތު ވިސްނުމެއްގެ ތެރެއިން އުފެދިގެން އައި ހައްލެއްގެ ތެރެއިން އުފަންވި މަޝްރޫއެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެމްއެމްއޭގެ ގަވާއިދަށް ގެނައި ބަދަލާއެކު ބޭންކްތަކަށް މަޖުބޫރުވެފައި ވަނީ ހެޔޮ އަގުގައި ބޯހިޔަވަހިކަން ފޯރުކޮށް ދިނުމަށް ފައިނޭންސް ކުރުމަށް ކަމަށާއި އެއާއެކު ބީއެމްއެލްއިން އިސްނަގައިގެން 3260 ހައުސިން ޔުނިޓް އަޅައި "ރެންޓް ޓު އޯން" މޮޑެލްގައި ބޯހިޔާވަހިކަން އަމިއްލަކުރުމުގެ ފުރުސަތު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ނިންމާފައިވާ ކަން މުއްތަލިބް ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އަކީ އެހެން ބޭންކްތަކެކޭ އެއްގޮތަށް ގިނަ އާމްދަނީ ހޯދުމަށް ވިޔަފާރު ކުރަމުން އައި ބޭންކެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފްގެ މަސައްކަތުން އެ ބޭންކް ވެފައި ވަނީ ހިއްސާދާރުންނަށް ފައިދާ ހޯދައިދޭ ތަނެއްގެ އިތުރުން ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމުގައިސަރުކާރަށް އެއްބާރުލުން ދޭ އެންމެ ބޮޑު އެއް ބައިވެރިޔާއަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ރައްޔިތުން ބޯހިޔަވަހި ކުރުމަށް ބިއެމްއެލް އިން ދޭ ސަމާލުކަމާއި ބުރަ މަސައްކަތް ޝުކުރުވެރިކަމާ އެކު މުއްތަލިބް ވަނީ ފާހަގަ ކުރައްވާފައެވެ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޯޑިނޭޓް ކުރުމުގެ ނަތީޖާ ކަމަށާއި މިއީ ދަތިކަންކަމާ ކުރިމަތިލާން ޖެހުމުން އީޖާދީ ހައްލުތައް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުގެ ކާމިޔާބުގެ ގޮތުގައި މުއްތަލިބް ސިފަ ކުރެއްވިއެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރެއްވުމަށް ރައީސް ގެންގުޅުއްވާ "ޕީޕަލް ސެންޓާޑް ޕޮލިސީ" ގެ ފޮނި މީރުކަން ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ 3 ކޮޓަރީގެ 3260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެކެވެ. އެ ފްލެޓްތަކަކީ މިހާރު ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ރުފިޔާ އިން ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުމަށް ކަނޑައަލާފައިވާ ފްލެޓްތަކެއް ކަމަށްމުއްތަލިބް ވިދާޅުވިއެވެ. މި ފްލެޓްތައް ދޫކުރާނީ "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޭންކަށް ކުލި ދައްކާ އެތަނުގައި ދިރިއުޅެ، ވަކި މުއްދަތެއްގެ ތެރެއިން އެ ފްލެޓް އަމިއްލަ ކުރެވޭ ގޮތަށެވެ.

މީގެ އިތުރުން ހެޔޮ އަގުގައި ބޯހިޔާވަހިކަމެއް ގަންނަން ލިބޭ މަޝްރޫއު ފެށުމަށް މިހާރު ވަނީ އިއުލާން ކޮށްފައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަމިއްލަ ބޯހިޔަވަހިކަމެއް ނެތް އައިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް ވެސް މި މަޝްރޫއުގެ ދަށުން ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.