އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް އެކުވެރި އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތައް ބޭނުން ކުރާތީ ރައްދުގައި އީރާނުން ދެމުން ގެންދާ ހަމަލާތަކުގައި އެތަންތަނަށް ލިބުނު ގެއްލުން 800 މިލިއަން ޑޮލަރަށް އަރާކަމަށް އެނަލިސްޓުން ބުނެފިއެވެ.
ބީބީސީގައި އާންމު ކުރި ރިޕޯޓެއް ބުނާގޮތުން, ސެންޓާ ފޮ ސްޓެރެޓީޖިކް އެންޑް އިންޓްނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އާއި ބީބީސީ ގުޅިގެން ހެދި ދިރާސާއިން ހާމަވީ, ހަނގުރާމަ ފެށިތާ ފުރަތަމަ 2 ހަފްތާގެ ތެރޭގައި އީރާނުން ދިން ހަމަލާތަކުން އެމެރިކާގެ ބޭސްތަކަށް ލިބުނު ގެއްލުން 800 މިލިއަން ޑޮލަރުން މަތިވެފައި ވާ ކަމަށެވެ.
އަދި އެއީ އަންދާޒާއެއް ކަމަށާއި ގެއްލުންތަކުގެ ފުރިހަމަ ތަފްސީލީ މައުލޫމާތު އަދި ނުލިބޭކަމަށް ވެސް ބުނެފައި ވެއެވެ.
އީއެސްއައިއެސް އާއި ބީބީސީން އެ އަންދާޒާ ހަދާފައި ވަނީ, ސެޓެލައިޓް ފޮޓޯތަކާއި އެއްކުރި އހެނިހެން މައުލޫމާތުގެ އަލީގައެވެ.
އިރާނުގެ ހަމަލާތަކުގައި އެމެރިކާގެ ބޭސްތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސާފު މައުލޫމާތު އެމެރިކާގެ މަސްއޫލުވެރިން ހާމައެއް ނުކުރެއެވެ. އެ މައުލޫމާތު ހޯދަން ބީބީސީން އެދުމުންވެސް އެކަމަށް އިންކާރު ކުރި ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
މީގެ ކުރިން އީރާނުން ބުނެފައި ވަނީ, އުރުދުންގައި އެމެރިކާއިން ގާއިމު ކޮށްފައި ހުރި ތާޑް ސިސްޓަމް ރާޑަކީ 1.2 ބިލިއަން ޑޯލަރުގެ އަގުހުރި ސިސްޓަމެއް ކަމަށެވެ. ނަމަވެސް ސީއެސްއައިއެސްގެ ދިރާސާއިން ދައްކަނީ އެ ނިޒާމުގެ އަގަކީ 484 މިލިއަން ޑޮލަރު ކަމަށް ބުނެފައި ވެއެވެ.
އީރާނުގެ ހަމަލާތައް އެމެރިކާގެ ބޭސްތަކަށް އަމާޒު ކުރަމުން ދާއިރު އެއާޕޯޓުތަކާއި އެމެރިކާގެ އޮފިޝަލުން ތިބޭ ތަންތަނާއި ވަސީލަތްތަކާއި އުޅަނދުތައް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އީރާނުން ބުނެފައިވަނީ, އެމެރިކާއާއި އެމެރިކާގެ ބައިވެރިން ތިބި ކޮންމެ ތަނަކަށް ހަމަލާ ދޭނެ ކަމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެފައި ވާކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ހަނގުރާމައާ ގުޅިގެން ޓްރަމްޕް ވިދާޅުވަނީ މިހާރު ހަނގުރާމަ ކާމިޔާބު ކުރެވިއްޖެ ކަމަށާއި, ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއްވެސް ގެންގުޅުއްވާ ކަމަށެވެ. ބައެއް ފަހަރު އެހެން ވިދާޅުވެފައި ދެން ވިދާޅުވަނީ, އީރާނުގެ ބާރުތައް އެއްކޮށް ހަލާލު ކޮށްލެވިއްޖެ ކަމަށާއި ބާރެއް ނެތް ބަޔާއެކު ސުލްހަ ވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އީރާނުގައި ތިބީ 'ތަގުންނާއި އެނިމަލް' ނުވަތަ ނުބައި ނުލަފާ މީހުންނާއި ވަލުޖަނަވާރުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެއެވެ. ހަމަ އެއާއެކު މިހާރު ވަނީ އަސްކަރީ އިތުރު މަނަވަރުތަކާއި ސިފައިން ފޮނުވަން ފަށާފައެވެ. ޓްރަމްޕް ވިދާޅުވީ, ހޮރުމޫޒު ކަނޑުއޮޅީގައި އޮންނަ ރަށް ހިފުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެއްގަމުން އަރަންޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ. އަނެއްބައި ފަހަރު ވިދާޅުވަނީ އިތުރު ސިފައިން ނުފޮނުވާ ކަމަށާއި އެއްގަމުން އަރަން އުޅުނަސް އެކަން ހާމަ ނުކުރައްވާނެ ކަމަށެވެ.
