ރޭ، މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގެ މައުލޫމާތު ރޭ 21:25 ހާއިރު އެމްއެންޑީއެފްއަށް ރިޕޯޓުކުރުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތްވަނީ ފަށާފައެވެ. މި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އަދި މާލެ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އަދި ރެޑްކްރެސެންޓުން ވަނީ ހަރަކާތްތެރިވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ފަތިހު 05:58 އެހާއިރުއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު ފުލުހުން ބުނީ މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާ، ޕިކަޕެއްގެ އިތުރުން ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަނީ ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައިވާ ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.