ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ގުދަނެއްގައިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގައެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށާއި، މި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނެއްކަމަށެވެ.

ރޯވި ގުދަނަކީ ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް އެއްނުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ ދުމުގެ އަސަރުކުރާނަމަ، މާސްކު އެޅުން ނުވަތަ ނޭފަތާއި އަނގަ ނިވާކުރުން މުހިންމުކަމަށެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކުން އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާގައި ދުމުގެ އަސަރު ކޮށް ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.