މިރޭ އިއްޒުދީން މަގުގައި ހުރި ގުދަނެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްޓެލްކޯއިން އެސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފިއެވެ.

ސްޓެލްކޯއިން ބުނީ މާފަންނު ތޮއިބާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާކަމަށެވެ. އަދި ކަރަންޓު ކަނޑާލާފައިވަނީ ވަގުތީ ގޮތުންކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގައެވެ. އަލިފާން ނިއްވުމަށް މިހާރުވެސް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައެވެ. މި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ މަރުކަޒު ހުސްކުރުމުގެ މަސައްކަތްވެސް އިލެކްޝަން ކޮމިޝަނުގެ މުވައްޒަފުން މިހާރު ދަނީ ކުރަމުންނެވެ.