މިރޭ އިއްޒުދީން މަގުގައި ހުރި ގުދަނެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާކަމަށެވެ. އަަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން އެކޮމިޝަނުން ބުނީ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ކަމަށެވެ. އަދި މިހާރު އިންތިހާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މިރޭ މާފަންނު ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ދަނީ އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންނެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގައެވެ.