ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިއްޔެ ސްފްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވަކީލް އަލީ ހުސައިނާއި ވަކީލް އައިކް އަހުމަދު އީސަގެ އިތުރުން ވަކީލް އިބްރާހިމް ޝިޔާމެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައިވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނު އަސާސީއަށް މިދިޔަ މަހު ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ. އެ ގޮތުން އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާއިރު ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް ގާނޫނު އަސާސީގައި ބަޔާން ކުރާ އެ މުއްދަތު މިހާރު ފަހަނައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބިލް ބާތިލްވުމުން، ބާތިލްވެފައިވާ ބިލަކާ މެދު ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނޯންނާނެތީ އެކަމާ މެދު އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހިގެންނުވާނެކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަކީލް އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށެވެ. އެހެންކަމުން އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެކަމަށް އެ ދެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އިތުރަށް އައިކް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި އޮންނަނީ 262 ވަނަ މާއްދާގެ ށ. ގައި ބުނާ ކަންކަމަކަށް ބަދަލެއް ގެންނަނަމަކަމަށާއި އެކަމަކު މިފަހަރު އަހާފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ކަމަށެވެ.

މިފަހަރު ކުރަންޖެހޭ ސުވާލަކީ، މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ ކަމަށާއި އެކަމަކު، ސުވާލު އޮތީ އާއްމުންނަށް ސާފުނުވާ ގޮތަށްކަން ފާހަގަކޮށް އައިކް ވިދާޅުވީ މައްސަލަ ހުށަހަޅަނީ ވޯޓުގައި އެ ސުވާލު އަހައިފިނަމަ އާއްމުންނަށް ވޯޓުލެވެނީ ކޮން ކަމަކަށް ކަމެއް އަދި އޭގެ ނަތީޖާއަކީ ކޮބައިކަން ނޭނގޭނެތީ ކަމަށެވެ.