ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދު ބަންދު ކުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގު ހެދުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާލޭ އުތުރު ފަރާތު ފަޅުގެ ސަރަހައްދު ވެސް އެ މަސައްކަތުގެ ތާވަލާ އެއްގޮތަށް ބަންދުކުރާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
- އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެއީ މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިމުމާ ހަމައަށް
- އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށްފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާ ހަމައަށް، އެއީ އަންނަ މަހު 17 އިން ފެށިގެން މަސައްކަތް ނިމެންދެން
ފެރީ ޓާމިނަލުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ އަތޮޅު ފެރީތަކާއި ލޯންޗުތައް ބޭނުންކުރާ ސަރަހައްދެއް ނަމަވެސް އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ހަމަޖައްސާފައިވާ އިންތިޒާމެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
ފަސް ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު ދަނީ ބޭނުންކުރަމުންނެވެ. ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.
