ދުނިޔެއަށް އުފަންވާ އިރު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ބޭކާރު ބައެއްގެ ގޮތުގައި މުޖުތަމައުގެ ބައެއް މީހުން ދެކެއެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވެސް ހުނަރުވެރި މީހުންނާއި ތަފާތު ހުވަފެންތައް ދެކި، ސިކުނޑީގައި ރާވާ ކުރަހަމުންދާ ލަނޑުދަނޑިތައް ހާސިލްކުރަން އަޒުމް ކަނޑައަޅާ އެތައް ބަޔަކު އުޅެއެވެ. މުޖުތަމައުގައި މިފަދަ މީހުންނަށް ހުންނަ ފުރުސަތުތައް މަދު ކަމުގައި ވީ ނަމަވެސް ދިމާވާ ހުރަސްތައް ގިރާކޮށް ކުރިއަށް ދާ މީހުން ވެސް މަދެއް ނޫނެވެ.

މިއަދު 'ދަ ޕްރެސް' މީހުން ސެގްމެންޓްގައި މި ހާއްސަކޮށްލަނީ ލޯފަން މީހުންގެ ޖަމިއްޔާގައި ވެސް ހަރަކާތެރިވަމުން އަންނަ އަދި ވަޒީފާ އަދާކޮށް ކުޅިވަރުގެ މައިދާނުގައި ވެސް ބައިންލައަގްވާމީ ވަނަތައް ހޯދަމުން އަންނަ ގިނަ ބަޔަކު ދަންނަ މޫނެއް ކަމުގައި ވާ ފާތުމަތު އިބްރާހިމް (ފާތުން) ގެ ވާހަކައެވެ.

ފާތިމަތު އިބްރާހިމް

އެމްޓީޑީސީގައި ކަސްޓަމާ ރިލޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ފާތުންނަކީ ޑިސެބިލިޓީ އެޑްވަކަސީ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިތްވަރު ގަދަ ޒުވާނެކެވެ. ކުޅިވަރުގެ ދާއިރާ އަކީ ފާތުން ކުޑަ އިރުއްސުރެ ވެސް ޝައުގުވެރިކަން ހުރި ދާއިރާއެކެވެ. މަދްރަސީ ތައުލީމް ހާސިލް ކުރި ދުވަސްވަރު އެފަދަ ފުރުސަތުތައް ނުލިބުނު ކަމުގައި ވީ ނަމަވެސް އަމިއްލައަށް ރަށުތެރޭގައި އަދި ރައްޓެހިންނާއެކު އެކިއެކި ހަރަކާތްތަކުގައި ފާތުން ވަނީ ބައިވެރި ވެފައެވެ.

ގައިޑް ރަނާއަކާ އެކު ފާތިމަތު އިބްރާހިމް ދުވަނީ

އެގޮތުން 2016 ވަނަ އަހަރު ލޯފަން މީހުންގެ ޖަމިއްޔާއިން ހދ. އަތޮޅުގައި ބޭއްވި 'ކުރިނބި' ދުވުމުގެ މުބާރާތުގައި ބައިވެރިވުމަށްފަހު މާލޭ ސަރަހައްދުގައި ދުވުން ފެށިގެން ދިޔައީ ބީއެމްއެލް އިން ބޭއްވި 'އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް' ނަމުގައި ބޭއްވި ރަންގައި ބައިވެރިވި ހިސާބުން ކަމަށް ފާތުން ބުނެއެވެ. އޭގެ ފަހުން އައިރަނާސް އާއި، ކޭވައި އެކަޑަމީގެ ފަރާތުން ހިންގާ ޕެރަ ސްޕޯޓްސްގައި ފާތުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ފާތުން ނަކީ ޕެރަ އޮލިމްޕިއަންގެ މެޑަލް ދެ އަހަރު ހޯދާފައިވާ ފަރާތެއް ވެސް މެއެވެ. ހަމައެއާއެކު އެންމެ ފަހުން ބޭއްވި އައިއޯޖީގައި ވެސް ފާތުން ދުވެފައި ވާ އިރު، ރާއްޖެއަށް ހޯދި 28 މެޑަލްގެ ތެރެއިން ފާތުންނަކީ އެއް މެޑަލް ހާސިލް ކުރި ފަރާތް ވެސް މެއެވެ. ކުޅިވަރުގެ ދާއިރާއިން ފާތުން ބޭނުން ވަނީ އޭނާއަށް ލިބިފައިވާ މެޑަލް ދިފާއު ކުރާށެވެ. އަދި ރާއްޖެއަށް އިތުރު ރަން މެޑަލްތައް ހޯދައި ދޭށެވެ. އަދި ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ދެކޭ ފަދަ ހުވަފެނެއް ހަގީގަތަކަށް ވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ކަމަށް ފާތުން ބުނެއެވެ. އެއީ ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުމެއް ބިނާކޮށް މަންމައަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުން ކަމަށް ފާތުން ބުނެއެވެ.

2024ގެ ސްޕޯޓްސް އެވޯޑް ހަފްލާގައި

ރާއްޖޭގައި ލިބިފައިވާ އެވޯޑްތައް:

  • 2019 ވަނަ އަހަރު ރިވެލި އެވޯޑް
  • 2020 ވަނަ އަހަރު ރެހެންދި އެވޯޑް
  • 2021 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ރިވެލި ތަރި އެވޯޑް
  • 2022 ވަނަ ސްޕޯޓްސް އެވޯޑް
  • 2023 ވަނަ އަހަރު ސްޕޯޓްސް އެވޯޑް
  • 2025 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު

ބައިނަލްއަގްވާމީ އެވޯޑްތަކާއި ރެކޯޑްތައް:

  • 2023 ގައި ބޭއްވި އައިއޯޖީގައި ބްރައުންޒް މެޑަލް
  • ޕެރަލިމްޕިކްސް ދުވުމުގެ 100 މީޓަރު ދުވުމުގެ ރެކޯޑް ހޯދާފައިވޭ
  • ބްލައިންޑް ކެޓަގަރީގެ 5ކޭ އަދި 10ކޭ މެރަތަންގެ ރެކޯޑް ހޯދާފައިވޭ
ފާތިމަތު އިބްރާހިމް
"ކޮންމެ ބަޔަކަށް ވެސް ކުރިއަށް ދެވޭނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. އެގޮތަށް ބަލާއިރު ފުރަތަމަ ދުވަން ނިކުތް އިރުގައި މީހުން އެހާ ބޮޑަށް ހޭލުންތެރިނުވީމަ ވަރަށް ބޮޑު ދަތިތަކެއް ދިމާވި ނަމަވެސް އެންމެންނަށް ހޭލުންތެރިކަން ލިބެމުން އައި މިންވަރަކުން. އަޅުގަނޑު ގަބޫލު ކުރަނީ ހުރިހާ ބޭފުޅުންގެ ވެސް އެހީތެރިކަމާއެކުގައޭ މި ދެންނެވި ފަދައިން އެ ބޭފުޅުންގެ އެއްބާރުލުމާއެކުގަ އަޅުގަނޑަށް ކުރިއަށް މި ދެވެނީ"
ފާތިމަތު އިބްރާހިމް

ދުވުމުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހޭލުންތެރިކަން ނެތުމުން ދިމާވި ގޮންޖެހުންތައް ކަން ފާހަގަކުރަމުން ފާތުން ބުނީ، ދުވަން ފެށި އިރު ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ތިބި މީހުންނަށް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކީ ކަމެއް ކުރެވޭނެ ބައެއް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. "ނުކުޅެދޭތީ ނުކުރެވޭނޭ" ބުނާ އުސޫލުން އެ ފަރާތްތަކުން އަމަލުކޮށްފައިވާ ކަމަށް ފާތުން ބުނެއެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށް އެކަމަށް ނިމުމެއް ގެނެސްދީފައި ވަނީ 2008 ވަނަ އަހަރު މަސްއޫދު ކޯޗު ކުރި ބުރަ މަސައްކަތުންނެވެ. އަދި އެ ބަދަލާ އެކު ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ބައިންލައަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެން ދިޔައީ 2019 ވަނަ އަހަރުތެރޭ ކަމަށް ފާތުން ބުނެއެވެ.

ދުވުމުގައި ފާތުންނަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާ އިރު ގިނަ ބައެއްގެ އެއްބާރުލުން ނުލިބި އޭނާއަށް މި ކާމިޔާބީ ހާސިލް ނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އެގޮތުން މައިންބަފައިންނާއި އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އޭނާގެ ކޯޗުންނާއި ގައިޑް ރަނާސްއާ ނުލައި މި ކާމިޔާބީއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށް ފާތުން ބުނެއެވެ. އަދި މި ލިސްޓުގައި ރައްޓެހިންގެ ނަން ވެސް ހިމަނާލަމުން އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް ފާތުން ވަނީ އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަޒީފާ އަދާކުރާ ތަނާއި އެތަނުގެ ހުރިހާ ލެވެލްއެއްގައި ވެސް މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ފާތުން އަދާކުރިއެވެ. އެތްލީޓެއްގެ ގޮތުގައި އުޅޭ އިރު ވަޒީފާ އަދާކުރާ ތަނުން އެއްބާރުލުން ނުދޭ ނަމަ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފާތުން ދެކެއެވެ.

ފާތިމަތު އިބްރާހިމް 'ދަ ޕްރެސް' އަށް އިންޓަވިއު ދެނީ

ދުވުމުގައި ފާތުންނަށް އެތައް ކާމިޔާބީއެއް ލިބިފައި ވަނީ އޭނާ ކުރި ބުރަ މަސައްކަތުންނެވެ. އެތްލީޓެއްގެ ގޮތުގައި ހުރުމަށް ކެއުން ބުއިމަށް ވަރަށް ބަލައިގެން އުޅޭ އިރު، ނިދި ހަމަ ކުރުމާއި ފެން ބުއިމަށް ސަމާލުކަން ދޭން ޖެހެއެވެ. ފާތުންނަކީ މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ވެރިއެކޭ ބުނެވޭ އިރު، އޭނާގެ ގިނަ ރައްޓެހިންތަކެއް ވެސް ތިބެއެވެ. ނަމަވެސް ރަނގަޅު އެތްލީޓެއްގެ ގޮތުގައި ދެމި ހުރުމައްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރަން ޖެހިފައިވާ ގޮތުން ރައްޓެހިންނާއެކީ ބޭރަށް ގޮސް ވަގުތު ހޭދަ ކުރަން އޭނާއަށް ދަތި ވެއެވެ. ގައުމީ އެތްލީޓަކަށް ވުމަށާއި އެ ގޮތުގައި ދެމިހުރުމަށް އޭނާ ވަމުން އަންނަ ގުރުބާނީ ބަލައިގަނެ، ވަގުތު ނުދެވޭ ސަބަބު ރަހްމަތްތެރިންނަށް ފަހުމް ވާނެ ކަމަށް ފާތުން ގަބޫލު ކުރެއެވެ.

ހުވަފެނެއް ހަގީގަތަކަށް ހެދުމަށް މުޖުތަމައު ބުނާ އެއްޗަކަށް ބަލަން ނުތިބުމަށް ފާތުން ނަސޭހަތްތެރިވެއެެވެ. "ނުކުޅެދުންތެރިކަމެއް ހުރުމުން ނުވާނޭ" ބުނާ ތާޖުގެ ވެރިންނަށް އެއް ޒަމާނެއްގައި ވެގެން ތިބި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަން މިއަދު ފާތުން މި ވަނީ އެތައް ގުރުބާނީއަކާއެކު ސާބިތުކޮށްދީފައެވެ. ފާތުންގެ ހަޔާރުގެ މި ދަތުރަކީ ވެސް ގިނަ ބަޔަކަށް ފިލާވަޅު ލިބޭނެ އަދި ނަމޫނާއަކަށް ވާނެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތެއްގައި ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި ކުރަން ހިތު އަޅައިގެން ގަދަ އަޅައި މަސައްކަތް ކޮށްފި ނަމަ ކާމިޔާބީ އައިސް އަތުގައި ހިފާނެ ކަމަކީ ފާތުން ގަބޫލުކުރާ ގަބޫލު ކުރުމެވެ.