ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ފުލުހުން ހިންގި ތަހުގީގަށްފަހު ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުންގެ ތަހުގީގަށްފަހު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ.
ފުލުހުން ބުނީ އެމްޑީ ސޮހަބް މިއަގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލާފައިވަނީ، ޖޫން 28، 2024 ވަނަ ދުވަހު ޔޫއެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް ރޭ ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ މައްސަލަ އާއި ގުޅިގެން ކަމަށެވެ. އިތުރަށް ފުލުހުން ބުނީ އޭނާގެ އަތުން ފެނުނު އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ކަށަވަރުވެފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި، ހެކި އެއްކުރުމާ، ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ އެންމެހައި ހެކިތައް ވަނީ ހުށަހަޅާފައެވެ. ފުލުހުންގެ ތަހުގީގަށް ބިނާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ.
މި މައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެއާއެކު، މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
