ކޮންމެ އިންސާނަކީވެސް ކޮންމެވެސް ހުނަރެއް ނުވަތަ ފަންނުވެރިކަމެއް ލިބިފައިވާ މީހެކެވެ. އެގޮތުން ކުރެހުމަކީ އޭގެ ޒާތުގައި ވަރަށް ތަފާތު ހިތުގެ ޝުއޫރުތައް ސިފަކޮށްދޭ ހިތްގައިމު ފަންނެކެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން މި ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދުން ފުރިގެންވާ ގިނަ އަދަދެއްގެ ޒުވާނުން ފެނެއެވެ.
އެގޮތުން މި ރޯދަ މަހާއި ގުޅިގެން "ދަ ޕްރެސް" ގެ މީހުން ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ މި ދާއިރާގައި ފިޔަ ޖަހަމުން ދާ އުމުރުން 24 އަހަރުގެ ށ. ފީވަކަށް ނިސްބަތްވާ އާމިނަތު ސައްޖާދާ އަބްދުﷲ ޝަރީފްގެ ވާހަކައެވެ.
ސައްޖާދާގެ މި މަސައްކަތާއި ގުޅިގެން ދަ ޕްރެސް އަށް މައުލޫމާތު ދެމުން ސައްޖާދާ ބުނީ އޭނާގެ މި ފަންނީ ދަތުރު ފެށުނީ އާއިލާގެ ތެރެއިންކަމަށެވެ. ކުޑައިރުއްސުރެ އޭނާގެ ދޮންތަ ކުރަހާ ފުރިހަމަ ކުރެހުންތަކާއި ދޮންތަގެ އަތްތެރި މަސައްކަތުގައި ހުންނަ ފަރުވާތެރިކަން ފެނި އެކަމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނުކަމަށް ސައްޖާދާ ކިޔާދިނެވެ. ދޮންތަގެ ކޮންމެ ކުރެހުމަކީ ސައްޖާދާއަށް ލިބުނު ފިލާވަޅެކެވެ. މިގޮތުން ދޮންތަގެ ހުނަރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފެށި މި ދަތުރު، މިއަދު މިއޮތީ ވަރަށް އުސް ހިސާބަކަށް ގޮސްފައެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެހުމުގެ ދާއިރާގެ އެންމެ އުހަށް
ކުރެހުމުގެ ދާއިރާގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ފެށުމުގައި ހަމައެކަނި ފަންސުރަކުން ކުރަހަމުން ދިޔަ ކުދިކުދި ކުރެހުންތައް، މިއަދު ވަނީ ކުލަގަދަ މަންޒަރުތަކަށާއި ހަގީގީ ސިފަ ފެންނަ ފަދަ "ޕޯޓްރެއިޓް" ތަކަށް ބަދަލުވެފައެވެ. އިޖުތިމާއީ މީޑިއާގެ އެކި މަންސަތަކުގައި އޭނާގެ ހުނަރު ދައްކާލުމުން ލިބޭ ތަރުހީބަކީ އޭނާގެ ކުރިއެރުމުގެ ހެކިތަކެވެ.
ސައްޖާދާ ކިޔައިދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ ބައިވެރިވި އާޓް އެގްޒިބިޝަން އަކީ "ތްރޫ ދަ އައިސް އޮފް ޕިކާސޯ ބައި މިއުސް އެމްވީ" އެވެ.
މީގެއިތުރުން ކެލިގްރަފީގެ ދާއިރާއިން "އިންސްކްރިޕްޝަން- ވީވިން ކަލްޗާ ތްރޫ ކެލިގްރަފީ"ގެ ނަމުގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަނެއްގައި ރާއްޖޭގެ 20 އާޓިސްޓުންގެ މަސައްކަތް ދައްކާލާފައިވާއިރު އޭގެ ތެރޭގައި ސައްޖާދާގެ މަސައްކަތްވެސް ފެނިގެންދެއެވެ.
ކެލިގްރަފީގެ އިތުރުން ސައްޖާދާ ޑިޖިޓަލް އާޓް ވޯކްސްވެސް ހަދައެވެ. އެގޮތުން "ދަ މެންޓަލް އާޓް އެގްޒިބިޝަން" ގައި ސައްޖާދާގެ ޑިޖިޓަލް އާޓް ވޯކް ދައްކާލާފައިވެއެވެ.
ކުރެހުމަކީ ވަރަށް ކެތްތެރިކަމާއެކު ކުރެވޭނެ މަސައްކަތެކެވެ. އަދި މިއީ ތަފާތު ދަސްކުރަން ޖެހޭ އެއްޗެހި ގިނަ ދާއިރާއެއްވެސް މެއެވެ. ސައްޖާދާ ކިޔައިދިން ގޮތުގައި މިކަމަށް ހާއްސަ އެއްވެސް ކޯހެއް އޭނާ ހަދާފައެއް ނުވެއެވެ.
ދާއިރާގައި ދިމާވާ ގޮންޖެހުންތައް
ކޮންމެ ކާމިޔާބީއަކާއެކު ގޮންޖެހުންތަކެއްވެސް ކުރިމަތިވެއެވެ. ސައްޖާދާ ކިޔައިދިން ގޮތުގައި ކުރެހުންތައް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މިންވަރަށް މާކެޓު ކުރެވޭނެ ގޮތެއް އަދި ނެތުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.
މީގެއިތުރުން ބައެއް ފަހަރު ކުރަހާނެ އާ ހިޔާލުތައް ހޯދުމުގައި ދިމާވާ "ކްރިއޭޓިވް ބްލޮކް" ތަކަކީވެސް ސައްޖާދާ ހިތްވަރާއެކު ގިރާކުރަމުންދާ ގޮންޖެހުންތަކެކެވެ. ކުރެހުމަށް ބޭނުންވާ މަތީ ފެންވަރުގެ ސާމާނު ރާއްޖެއިން ހޯދުމުގެ ދަތިކަމަކީވެސް ދިމާވާ ގޮންޖެހުމެކެވެ.
ސައްޖާދާގެ ރީތި ކުރެހުންތައް އޭނާގެ އިންސްޓަގްރާމް ޕޭޖް "އާޓް ބައި ސައްޖާ" އަށް ބަލާލުމުން ފެނިގެންދާނެއެވެ.
ސައްޖާދާގެ ހުނަރުވެރިކަން ހަމައެކަނި ފަންސުރާއި ކުލަތަކަކަށް ހަނިވެފައެއް ނުވެއެވެ. ކުރެހުމުގެ އިތުރުން މާ ބޮކެޓު ހެދުމަކީވެސް އޭނާގެ ހިތްގައިމު ހުނަރެކެވެ. ތަފާތު މުނާސަބަތުތަކަށް ހާއްސަކޮށްގެން އޭނާ ތައްޔާރުކުރާ ކުލަގަދަ އަދި ފަރުމާގެ ގޮތުން ރީތި މާ ބޮކެޓުތަކަކީ ފެންނަ ކޮންމެ މީހަކު އާޝޯހުވާ ފަދަ ފުރިހަމަ މަސައްކަތްތަކެކެވެ. މިއީ އޭނާގެ އުފެއްދުންތެރިކަން ހުރި މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މިފަދަ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތްތަކަށް ސައްޖާދާގެ ހާއްސަ މެސެޖެއް
މިފަދަ އުފެއްދުންތެރި މަސައްކަތެއްގެ ތެރެއަށް ވަންނަން ބޭނުންވާ އެހެން ޒުވާނުންނަށް ސައްޖާދާ ދޭން ބޭނުންވާ މެސެޖަކީ ވަރަށްވެސް ސާދާ އަދި މާނަފުން މެސެޖެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ފޮރުވިފައިވާ ހުނަރުތަކެއްވެއެވެ. ބޭނުންވަނީ އެ ހުނަރެއް ދެނެގަނެ އެކަމަށް އޮންނަ ޝައުގުވެރިކަން ދިރުވައި އާލާކުރުމެވެ.
ކޮންމެ މަސައްކަތަކީވެސް އެކަމަށް ފުރިހަމަ ލޯތްބާއި ޝައުގުވެރިކަން ދީފިނަމަ ކާމިޔާބުވާނެ މަސައްކަތެއްކަން އޭނާގެ މި ދަތުރުން ވަނީ ސާބިތުކޮށްދީފައެވެ. ކުރެހުމަކީ އެކަމަށް ގިނަ ވަގުތާއި ކެތްތެރިކަން ބޭނުންވާ ކަމަކަށް ވީ ހިނދު، އަލަށް މި ދާއިރާއަށް ނުކުންނަ ކުދިންނަށް ސައްޖާދާ ބުނެލަން ބޭނުންވަނީ ފެށުމުގައި ދަތިތަކެއް ހުއްޓަސް އުންމީދު ދޫކޮށްނުލުމަށެވެ. ކޮންމެ ދުވަހަކު ކުރާ ކުޑަކުޑަ މަސައްކަތަކީވެސް ބޮޑު ކާމިޔާބީއަކަށް އެޅޭ ބިންގަލެއް ކަމަށެވެ.
ޒުވާން އަންހެން ކުއްޖެއްގެ ގޮތުގައި އަމިއްލަ ފައިމައްޗަށް ތެދުވެ މިފަދަ ހުނަރުވެރި މަސައްކަތަކުން މުޖުތަމައުގެ އިހުތިރާމާއި ލޯބި ހޯދުމަކީ މިއަދުގެ ހުރިހާ ޒުވާނުންނަށްވެސް އޮތް ނަމޫނާއެކެވެ. ސައްޖާދާގެ އުންމީދަކީ ކުރެހުމުގެ ދާއިރާއިން އިތުރު ހަރުފަތްތަކެއް ގިރާކޮށް މިކަމަކީ އެދެވޭ ފައިދާތަކެއް ލިބޭ ކަމެއް ކަމުގައި ވުމެވެ.
