ބޭންކް އޮފް މޯލްޑިވްސްގެ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީގައި އިފްތިތާހުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޮލެޓް ރަސްމީކޮށް އިފުތިތާހުކޮށްފައިވާއިރު، އައްޑޫ ސިޓީއަކީ ރާއްޖޭގައި މި ވޮލެޓް ތައާރަފުކުރި ފުރަތަމަ މަންޒިލެވެ.

ރޭ މި ހިދުމަތް ތައާރަފުކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ބަވަނަވަމުން ދާ ދުނިޔޭގައި، ޑިޖިޓަލް އިގްތިސާދެއް ގާއިމް ކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ގާއިމުކުރުންކަމުގައި ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މި ތާއަރަފުކުރި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓްކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިން، އެހެން ވޮލެޓުތަކާ ކްރެޑިޓް ކާޑުތަކުން ފައިސާ ދައްކާއިރު، މިހާރު 2.5 އިންސައްތައިން މަތިން ކޮމިޝަން ނެގާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ސްވައިޕް މެދުވެރިކޮށް ހަދާ މުއާމަލާތްތަކުން ނަގާނީ އެންމެ އިންސަތައެއް ކަމަށެވެ.