މާލެ ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް ބައެއް ބަދަލުތައް ގެންނަން ނިންމައިފި އެވެ.

އެމްޕީއެލުން ކުރި އިއުލާނެއްގައި ބުނީ އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ފެށިގެން ކަމަށެވެ.

އެގޮތުން 7 ބަދަލެއް ގެނެއުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އެ 7 ބަދަލަކީ:

  1. މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު ފުރާ ވަގުތުން ފެށިގެން ކޮންމެ ކިއޫއެއްގައި ވެސް ނޯޓު ކުރެވިދާނެ
  2. ކިއު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔޫއިން ވަގުތީ ގޮތުން 'ހޯލްޑް' ކުރުމަށްފަހު ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅައި، ޖާގަ ދޭނެ
  3. އެ ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުން. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް.
  4. އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށް ފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެ ނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުން. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 ފަހަރަށް. އަދި ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެ.
  5. އަދި ހަމަ އެހެންމެ އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް" ނުވަތަ "ޕޯސްޓްޕޯން" ކުރުމެއް ނޯންނާނެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 ގަޑިއިރު. އެ ވަގުތަށް ކީވޯލް ޗާޖް ހިނގާނެ. އަދި އެ 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެ.
  6. އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށް ފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ 5 ދުވަސް ނުވަތަ 120 ގަޑިއިރު. އެ މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެ.
  7. މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް.

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބަންދުކުރި މާލޭ ނޯތު ހާބަރު ސަރަހައްދު، ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ސަރަހައްދު މަގު ހެދުމުގެ މަސައްކަތް ފެށުމާއެކު، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތައް ބަދަލުކޮށްފައިވަނީ އެމްއެމްއޭ ކުރިމަތީގައި އަލަށް ތަރައްގީކުރި ސަރަހައްދަށާއި، ޓީ-ޖެޓީ ސަރަހައްދަށެވެ. މާރުކޭޓް ކުރިމައްޗަށް އޮންނަ ފަޅުގެ ސަރަހައްދަކީ ރަށްރަށަށް މުދާ އުފުލާ ބޯޓުތައް އާންމުކޮށް ބޭނުންކުރާ ސަރަހައްދުއެވެ. އަދި މަސްވެރިންވެސް މާލޭގެ ބަނދަރުން ބޭނުންކުރާނީ އެ ސަރަހައްދުއެވެ.