ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކުރަމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ މި މި މައްސަލަ މިއަދު 15:50 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާ މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާކަން ފުލުހުން ވަނީ ފާހަނގަކޮށްފައެވެ.
މި މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް އިރުޝާދު ދީފައިވާއިރު އަމަން އަމާންކަން ދެމެހެއްޓުމަށާ، ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވާނީ ނަސޭހަތްތެރިވެފައެވެ. އަދި އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދަރުވަމުންދާ ފޮޓޯތަކުން 13 ވަރަކަށް ބިދޭސީ މުވައްޒަފުން، ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި އެކު އިހްތިޖާޖުކޮށްފައިވާއިރު އެމީހުންނަށް ރަނގަޅު އެކޮމަޑޭޝަނާ، އެކޮމަޑޭޝަން އެލެވެންސުގެ އިތުރުން ކޮއްތު ފައިސާ ދިނުމަށް ގޮވާލާފައި ވެއެވެ.
