މިއީ މުޅި އަހަރުގެ ތެރޭގައި ވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. އެގޮތުން، މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ހަމަ އެހެންމެ ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާވަރާ އަޅާބަލާއިރު ފަރަޤު ކުޑަވެގެންދާކަމަށާއި މީގެސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން ވެސް އޭޕްރީލް މަހަށް ލަފާކުރެވޭގޮތުންވެސް އާންމުގޮތެއްގައި ހުންނަވަރަށްވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން އިތުރަށް ބުނީ، އެ އޮފީހުގެ އާންމު ވައިބާ ގްރޫޕުގައި ކޮންމެ ދުވަހަކު 11:00، 14:00 އަދި 17:00 ގައި ރާއްޖޭގެ ފަސް މޫސުމާބެހޭ އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާންމު ކުރާނެ ކަމަށެވެ.
އެގޮތުން، ދުވަހުގެ ހޫނުމިން އާންމުގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށް މެޓުން ވަނީ ފާހަގަކޮށްފައެވެ. މިއީ ރޯދަމަހަށް ވުމާއެކު ގިނަވަގުތު އަވީގައި ނޫޅުމާއި އާންމު ސިއްހަތަށް ވިސްނައިގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން، އެންމެ ހޫނުގަދަވާ ވަގުތުގައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ކުޑަ ބޭނުންކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ފެން ބުއިމާއި، އަވީގައި އުޅޭ ވަގުތު "ސަންލޯޝަން" ބޭނުންކުރުމުގެ އިތުރުން އަވި އައިނު އެޅުމަކީ މުހިންމުކަމެކެވެ.
