ބަލި މީހުންނަށް އަޅާލުމާއި، މުޖުތަމައުގެ ސިއްހަތަށް އެހީތެރިވުމުގައި ނަރުހުންގެ ދައުރު ވަރަށް ބޮޑެވެ. އެންމެ އުނދަގޫ ހާލަތްތަކުގައި ބަލިމީހާއަށް އެންމެ ފުރަތަމަ ހިތްހަމަޖެހުމާއި، ހަމްދަރުދީގެ އިތުރުން ސިއްހީ ފަރުވާ ފޯރުކޮށްދޭ ބަޔަކީ ވެސް އެ މީހުންނެވެ. ޑރ. ފާތިމަތު ޝިފާޒާ (ޝިފާ) އަކީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަރުހެއް އަދި ރިސާޗަރެކެވެ.
ރިސާޗަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޑރ. ޝިފާޒާގެ ނަޒަރުގައި ނަރުސް ކަމަކީ ވަޒީފާއަކަށް ވުރެ މާ ބޮޑު މަސައްކަތެކެވެ. އައިޖީއެމްއެޗް އިން މި ދަތުރު ފެށި ޝިފާޒާ ބުނީ، އެ ދުވަސްތަކުގެ ސަބަބުން ހަމްދަރުދީއާއި އަޅާލުމާއި އޯގާތެރިކަމާއެކު ބަލިމީހުންނަށް ހިދުމަތް ދިނުމުގެ މުހިއްމުކަމާ މެދު ވިސްނާ ފިކުރު ކުރެވުނު ކަމަށެވެ.
ބަލިމީހުންނާ ގާތުން މަސައްކަތް ކުރި ދުވަސްވަރު ސިއްހީ ހިދުމަތްތެރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ޝިފާޒާ ބުނެއެވެ. އެގޮތުން ވަސީލަތްތައް މަދުވުން ފަދަ ކަންކަމުގެ ސަބަބުން ބަލިމީހުން ދޭ ހިދުމަތަށް އަސަރު ކުރާ ކަމަށާއި އެ ހުރަސްތައް ބަލައިގަތުމުގެ ބަދަލުގައި ސިއްހީ ނިޒާމް ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަން އޭނާ އަޒުމް ކަނޑައެޅިއެވެ. އެއީ ނަރުހަކުން ރިސާޗަރަކަށް ދިއުމުގެ ވިސްނުން ވެސް އައި ހިސާބެވެ.
ކުޑައިރު އިލޮށި ކޮޅަކުން އިންޖެކްޝަން ޖެހި ޝިފާޒާ ނަރުސްކަމަށް ހިތްޖެހުން
ޝިފާޒާ ކިޔައިދިން ގޮތުގައި ކުޑަ އިލޮށިކޮޅެއް ހިފައިގެން މީހުންގެ ގަޔަށް އިންޖެކްޝަން ޖަހައި ބަލި ފަސޭހަކޮށްދޭ މީހެއްގެ ގޮތަށް ކުޑައިރު ކުޅެން އުޅުނު ވާހަކައަކީ އޭނާގެ މާމަ ކިޔައިދޭ ވާހަކައެކެވެ. މިއީ އެހެން މީހުންނާ މެދު އޭނާގެ ތުއްތު ހިތުގައި އުފެދުނު އޯގާތެރިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި އޭރު މީހުން ދެކުނެވެ. ނަމަވެސް މަދްރަސީ ހަޔާތް ނިންމާލި އިރު ވެސް ކެރިއަރެއްގެ ގޮތުގައި ނަރުސްކަން ހިޔާރު ކުރަން އޭނާ ނިންމާފައެއް ނުވެއެވެ.
ނަރުސްކަން ކެރިއަރެއްގެ ގޮތުގައި ހިޔާރުކުރަން ޝައުގުވެރިކަން އުފެދުނީ، ނާސިން ކިޔަވަން ބޭނުންވާ ގާތް މީހަކު ގެއަށް އައިސް ބުނި ވާހަކަތަކެއް އަޑުއިވިފައި ކަމަށް ޝިފާޒާ ބުނެއެވެ. ނަރުހަކަށް ވުމަށް ހިތްވަރު ދެމުން އެމީހާ އެ ދުވަހު ބުނީ ނަރުސްކަން ކިޔެވޭނެ ކަމަށާއި ރެޖިސްޓާޑް ނަރުހަކަށް ވެވިދާނެ ކަމަށެވެ.
ހަރުދަނާ ތައުލީމީ ބިންގަލެއް ބިނާކުރުމުގެ ދަތުރު
ޝިފާޒާގެ ތައުލީމީ ހަޔާތަށް ބަލާއިރު، މަދުރަސީ ތައުލީމް ފުރިހަމަކޮށްފައި ވަނީ 1993 ވަނަ އަހަރު އަމީނިއްޔާ ސްކޫލުންނެވެ. އެއަށްފަހު ކުރީގެ އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ) އިން ޑިޕްލޮމާ އިން ނާސިންގް އެންޑް މިޑްވައިފަރީ ހާސިލުކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު މޮނާޝް ޔުނިވަސިޓީން ނާސިން އިން ޕޯސްޓް ރެޖިސްޓްރޭޝަން ބެޗްލާސް ޑިގްރީ ހާސިލް ކުރިއެވެ.
2006 ވަނަ އަހަރު އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް އެޑިލައިޑުން ނާސިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރިއެވެ. އޭގެ ހަ މަސް ފަހުން އޭނާ އަށް ޕީއެޗްޑީ ހަދަން ފުރުސަތު ލިބުން ނަމަވެސް އެކަމަށް އިންކާރު ކުރީ ވަރަށް ކުޑަ ދެ ކުދިން ތިބުމުންނެވެ. އޭރު ބޮޑު ދަރިފުޅަށް ހަތަރު އަހަރު އަދި ހަގު ދަރިފުޅަށް އެންމެ ދެ މަސް ކަމަށް ޝިފާޒާ ބުނެއެވެ. އެ ކުދިންގެ ޒިންމާ ނަގަމުން ޕީއެޗްޑީ ހަދަން އުނދަގޫވުމުން، މާސްޓާސް ނިންމުމަށް ފަހު އޭނާ ވަނީ ރިސާޗް ފެލޯއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
2018 ވަނަ އަހަރު އީބީޕީއިން ޗައިނާގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގައި ޝިފާޒާ ބައިވެރިވެފައިވެއެވެ. އެ ޓްރެއިނިންގެ ތެރެއިން ބެޑްސައިޑް ނާސިން އިން ކްލިނިކަލް ޕްރެކްޓިސް އިން ރިސާޗް އަށް ބަދަލުވުމަކީ މި ދަތުރުގައި ޝިފާޒާގެ މިސްރާބު ބަދަލުވި ހިސާބެވެ.
ގޮންޖެހުންތައް އެބަހުރި، ހައްލުކުރެވޭނެ އެންމެން އެކީގައި މަސައްކަތް ކޮށްގެން
ޝިފާޒާ މިހާރު ދިރިއުޅެނީ އޮސްޓްރޭލިއާގައި ނަމަވެސް އަހަރަކު މަދުވެގެން ދެ ތިން ފަހަރު ރާއްޖެއަށް އައިސް ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ތަމްރީނު ސެޝަންތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސް، އޮންލައިންކޮށް ތަމްރީނުތައް ދިނުމުގައި ހަރަކާތްތެރިވެއެވެ. އިންޓަނޭޝަނަލް ނާސަސް ޑޭ ލީޑާޝިޕް ސަމިޓް 2025-2010 ވަނަ އަހަރު ޝިފާޒާ ވަނީ، ރާއްޖޭގައި އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޗެމްޕިއަނަކަށް ވުމަށް އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލްގައި 24 ވަރަކަށް ނަރުހުން ތަމްރީނު ކޮށްފައެވެ.
އެ ދުވަސްވަރު ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޑޮކްޓަރުންގެ ސަޕޯޓު ނުލިބޭ ވާހަކަ އާއި ޑޭޓާ ބޭސްއަށް އެކްސެސް ވުމުގައި ދަތިތައް ދިމާވާ ވާހަކައިގެ އިތުރުން އާޓިކަލްސް ހޯދަން އުނދަގޫވުމުގެ ޝަކުވާއެވެ. ނަމަވެސް ކުދިންނަށް ހިތްވަރު ދީގެން ޝިފާޒާ މަސައްކަތް ކުރީ މަޝްވަރާކޮށްގެން އިދާރާތަކުގެ އެހީ އާއި އެއްބާރުލުމާއެކު އެ މަސައްކަތް ކުރުމަށެވެ.
ޝިފާޒާގެ ތަސައްވުރު: ރާއްޖޭގައި ސިއްހީ ދާއިރާ ކުރިއެރުމަށް އީބީޕީ
ޝިފާޒާ ވަނީ އޭނާގެ ކޮއްކޮ އާއި އިތުރު ހަތަރު ނަރުހުންނާއެކު އީބީޕީ ޗެމްޕިއަންސް މޯލްޑިވްސް ގެ ނަމުގައި ޖަމިއްޔާއެއް ވެސް އުފައްދާފައެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ބަލިމީހުންނަށް ފަރުވާ ދިނުމާއި ރައްކާތެރިކަމާ ގުޅޭ ނިންމުންތައް ނިންމުމަށް ސިއްހީ ފަރުވާދޭ މީހުން ބާރުވެރިކުރުވުން،" އޭނާ ބުނެއެވެ.
އެ ޖަމިއްޔާއިން ވަނީ ކޮންފަރެންސްތަކާއި، ވޯކްޝޮޕްތަކާއި، މެންޓަރިންގް ޕްރޮގްރާމްތަކާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އިނީޝިއޭޓިވްތައް މެދުވެރިކޮށް އުނގެނުމާއި، ފެންވަރު ރަނގަޅު ޕްރެކްޓިސްތަކަށް ހާއްސަ ސިއްހީ ހިދުމަތްތެރިންގެ ނެޓްވޯކެއް އުފައްދާފައެވެ. އެގޮތުން އައްޑޫ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ނެދަލޭންޑްސް މީހުންނާ ގުޅިގެން މިހާރުވެސް ރިސާޗްތައް ކުރިއަށްދާކަން ފާހަގަކޮށް ޝިފާ ބުނީ ކަމުގެ ތަޖުރިބާ ކާރުން ރާއްޖެއަށް ތައާރަފް ކޮށްދިނުމުގެ މެދުވެރިއަކަށް ޝިފާ ވެގެން ދިއުމަކީ އަބަދުވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ޝިފާގެ ދުރު ރާސްތާ ތަސައްވުރަކީ ރާއްޖޭގައި އީބީޕީ ސެންޓަރެއް ގާއިމުކުރުމާއި، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއްގައި އީބީޕީ ޗެމްޕިއަންސް ގާއިމުކޮށް، އެވިޑެންސް ބޭސްޑް ކެއާ ހުރިހާ ޕޭޝަންޓުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
ބައިނަލްއަގްވާމީ ރިސާޗް ލީޑަރަކަށް، އަދި މެންޓާއެއް
ޑރ. ޝިފާޒާގެ މަސައްކަތްތައް ރާއްޖެއިން ބޭރުން ވެސް ބަލައިގަނެއެވެ. އަދި ބައިނަލްއަގްވާމީ ރިސާޗް ޕްރޮޖެކްޓްތަކުގައި ބައިވެރިވެ، ސިއްހީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގްވާމީ މަޝްވަރާތަކުގައި ބައިވެރިވެފައި ވެއެވެ. ބައިނަލްއަގުވާމީ ރިސާޗް ނެޓްވޯކްތަކުގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލާވަޅުތައް ލިބިގެންދާ ކަމަށް ޝިފާޒާ ބުނެއެވެ. އޭނާ ވަނީ ޗައިނާ، އިންޑޮނޭޝިއާ، އެމެރިކާ އަދި އޮސްޓްރޭލިއާގައި ގިނަ ތަމްރީނުތަކެއް ހަދާފައެވެ.
ޝިފާޒާ މިހާރު ކުރާ މަސައްކަތުގެ މައިގަނޑު އަސާސަކީ ތައުލީމާއި މެންޓާޝިޕްއެވެ. އޭނާ އަކީ ދަރިވަރުންނާއި ޒުވާން ނަރުހުންނަށް ކިޔަވައިދީ މަގު ދައްކައިދޭ، އީޖާދީ ހައްލުތައް ހޯދުމަށާއި ސިއްހީ ނިޒާމުތަކާ މެދު ވިސްނައި ފިކުރު ކުރުމަށް އެހީތެރިވެދޭ ފަރާތެކެވެ.
އެގޮތުން އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެއްންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް (އައިޖޭސީއެޗްޕީ2026) -ބޭއްވުމަށް ހަމަޖެހިފައި ވަނީ 7-9 ޖުލައި ގައި ކްރޮސްރޯޑްގައެވެ.
ނާސިން ހަޔާތުގައި ހަނދާނުން ފޮހެލަން ދަތިވި ދުވަސް
އެއީ ނާސިން ހިޔާރުކުރުމަށްފަހު ޝިފާޒާ ހަޔާތުގައި ދިމާވި ފުރަތަމަ ބަލި މީހާއެވެެ. އެ 15 އަހަރުގެ އަންހެން ބަލި ކުއްޖާ ޝިފާއަށް ހާއްސަވީ އޭނާގެ އުމުރުން ވެސް ވަނީ ގާތްތަނޑަކަށް 16، 17 އަހަރު ކަމަށް ވުމެވެ. ދެ މީހުންގެ އުމުރު ދާދި އެއްވަރުއިރު އެ ކުއްޖާ ހޮސްޕިޓަލުގައި އޮތް ދުވަސްވަރު ބޮލުގައި ފުނާ އަޅުވާދީ އެކުވެރިކަމާއެކު އުޅުނު ކަމަށް ވެއެވެ.
އެއް ދުވަހެއްގެ ހަވީރު ޝިފާޒާ ޑިއުޓީއަށް އައިރު އެ ކުއްޖާ ފުރޮޅުލީ ގޮނޑީގައި ޓްރީޓްމެންޓް ރޫމަށް ގެންދަނީ އެވެ. ޝިފާޒާ ފެނިގެން 'ހައި' ބުނާ ގޮތަށް އަތުން ހަނާ އަޅާލުމަށްފަހު ވަރަށް ބޮޑު ރީތި ހިނިތުންވުމެއް ދީފަ އެ ކުއްޖާ ޓްރީޓްމެންޓް ރޫމަށް ވަނެވެ. ނަމަވެސް އެ އެއީ ޝިފާޒާ އާއި އެ ކުއްޖާ ބައްދަލުވާނެ އެންމެ ފަހު ވަގުތު ކަމެއް އޭނާގެ ހިތައް ކުޑަކޮށްވެސް ނާރައެވެ.
"އެކަމަކު އެ ކުއްޖާ އަނބުރާ ނާދެ. ނިޔާވީ. އަދިވެސް އެ ކުއްޖާގެ މޫނު ސިފަ ވޭ. އަދި އެއީ ފުރަތަމަ ޕޭޝަންޓް އެ ކުއްޖާގެ ޓްވިންސްއެއް ވެސް ހުރޭ. މިހާރު ވެސް އެ ރަށަށް ދެވުނީމަ ހިތަށް އަރާ އެ ކުއްޖާގެ ޓްވިން ކޮބާބާއެވެ. އެ ކުއްޖާގެ މައިންބަފައިން ކޮބާބާއެވެ." އަސަރާއެކު ޝިފާޒާ ހިއްސާ ކުރިއެވެ.
ކުރީގެ ހަނދާންތައް އާކުރަމުން ޝިފާޒާ ބުނި ގޮތުގައި ދެން ދިމާވީ ސްޓޫޑެންޓް ނާސްއަަކަށް އައިޖީއެމްއެޗްގައި އުޅުނުއިރު ވިއްސުމުގައި ހަރަކާތްތެރިވި ޓްވިންސްއެއްގެ މަންމައެވެ. ވިއްސުމަށްފަހު އެތައް ދުވަހެއް ފާއިތުވި ފަހުން ފުވައްމުލަކަށް ކުރި ދަތުރެއްގައި އެ ދެ ކުދިންގެ މަންމަ އައީ ސައިބޯން ބަލައެވެ. "ބުނި އައިސް އުޅޭކަން އެނގުނީމައޯ ބަލާ މިއައީ. ވަރަށް ޓަޗްވި" ޝިފާޒާ ބުންޏެވެ.
ޝިފާޒާގެ ކާމިޔާބީގެ ފަހަތުގައި އާއިލާ އާއި ރައްޓެހިން
ރާއްޖޭގެ ނަރުހެއްގެ ވަޒީފާއިން ފެށިގެން، ރިސާޗް އެންޑް އެވިޑެންސް ބޭސްޑް ޕްރެކްޓިސްގެ ބައިނަލްއަގްވާމީ ލީޑަރަކަށް ވީ ޝިފާޒާ ބުނާ ގޮތުގައި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވެސް ލޯތްބާއެކު ހިތްވަރުދީ މަގު ދައްކައިދޭ ބަޔަކު ތިބޭނެއެވެ. އޭނާގެ ކެރިއާގެ 30 އަހަރުގެ ދިގު ދަތުރުގައި، ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ އިރު، އޭނާގެ ފިރިމީހާ އާއި ދަރިންގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި، އެ ފަރާތްތަކުގެ އާއިލާތަކަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ. އަދި އޭނާގެ މައިންބަފައިން ކުރި އިތުބާރަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ.
މީގެ އިތުރުން ވެސް އެކުވެރިންނާއި ރަހުމަތްތެރިންގެ ނަން ވެސް މި ޝުކުރުގެ ލިސްޓުގައި އޭނާ ވަނީ ހިމަނާފައެވެ. ހާއްސަ ޝުކުރުގެ ލިސްޓުގައި ދިވެހި ނަރުހުންގެ ޖަމިއްޔާގެ ރައީސް މަރިޔަމް ޝިފާނާ ހުސައިންގެ ނަން ފާހަގަކުރަމުން ޝިފާޒާ ބުނީ، ޖަމިއްޔާގެ ފަރާތުން ނަރުހުންގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޝިފާނާ ކުރާ ބުރަ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނަރުހުންގެ ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ފަހިވަމުންދާ ކަމަށެވެ.
"އަހަރެން ދުވަހަކު ވެސް އެކަނި މި ދަތުރުގައި ހިނގާފައެއް ނުވާނެ. އެހެން މީހުންގެ ވިސްނުންތެރިކަމާއި އޯގާތެރިކަމާއި އެއްބާރުލުން އަހަރެން ކުރިއަރައިގެން ދިޔައީ" ޝިފާޒާ ބުނެއެވެ. މިދަތުރު ބައްޓަން ކުރުމަށް އަދި ނަރުހުންގެ ދާއިރާ ކުރިއެރުވުމުގައި އެ އެންމެންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ޝިފާޒާ ބުނެއެވެ.
ޑރ. ޝިފާޒާގެ ހިދުމަތުގެ މި ދަތުރު ދައްކުވައި ދެނީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ސާބިތުކަމާއި، މެދުނުކެނޑި އުނގެނުމުގެ ނަތީޖާއެވެ. އޭނާގެ މަސައްކަތުން ޝައުގުވެރިކަމާއި، ތައުލީމާއި، ސިއްހީ ހިދުމަތް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަމުގެ ސަބަބުން، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ނަތީޖާ ނެރެވިދާނެ ކަން އަންނަނީ ސާބިތުކޮށް ދެމުންނެވެ.
