އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ މި ޒަމާނުގެ އެންމެ މުހިންމު އެއް ޓެކްނޮލޮޖީ އެވެ. އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އޭގެ ނުފޫޒު ފޯރާފައިވާއިރު އެއީ މިހާރު މުސްތަގުބަލުގެ ޓެކްނޮލޮޖީއެއް ނޫނެވެ. މިހާރު އަހަރުމެންނަށް މި އުޅެވެނީ އެ ޓެކްނޮލޮޖީއާއެކުއެވެ. އެއާ ނުލާނޫޅެވޭ ހިސާބަށް މިސްރާބު ހިފާފައިވާއިރު ޓެކްނޮލޮޖީގައި އަހަރެމެން މިކުރާ ދަތުރުގެ މިސްރާބާ މެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އިންސާނުން އެއާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ ފަދަ އިންގިލާބީ ޓެކްނޮލޮޖީއަކަށް އޭއައި މިވަނީ ބަދަލު ވެފަ އެވެ.
އެއާއެކު ދިވެހީންގެ ތެރެއަށްވެސް އޭއައިގެ ރޯޅި ބިންދާލާފައިވާއިރު އެ ދަސްކޮށް އެހެން މީހުންނަށް އުނގަންނާ ދިނުމުގައި ވެސް އުޅޭ މީހުން ދުވަހަކަށްވުރެ ދުވަހެއް މިދަނީ އިތުރުވަމުންނެވެ. މިއަދުގެ ލިޔުމުގައި ވެސް މި ގެނެސްދެނީ ރާއްޖޭގައި އޭއައި ޓެކްނޮލޮޖީ އެހެން މީހުންނަށް ދަސްކޮށްދިނުމުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކަނބަލެއް ކަމަށްވާ އައިމިނަތު އާފިޔާގެ ވާހަކަ އެވެ. އާފިޔާ އަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުމަކަށް ބެލުމެއްނެތި އެހެން މީހުންނަށް އާ ކަންތައްތަކެއް ދަސްކޮށްދިނުމަށް އިސްކަންދޭ ފަރާތެއްވެސް މެއެވެ.
އަބަދުވެސް ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ އާފިޔާ އޭއައި ކިޔަވާދޭން ފެށުނު ގޮތް
ކުޑައިރުން ފެށިގެންވެސް ޓެކްނޮލޮޖީއަށް ލޯބި ކުރާ އާފިޔާ ޗެޓް ޖީޕީޓީއަށް ހާއްސަ ލޯތްބެއް ދެވުނީ އެ ޓެކްނޮލޮޖީ އުފަންވި ހިސާބުންނެވެ. 2022 ވަނަ އަަހަރު ނޮވެމްބަރު މަހު ތައާރަފްވި ޗެޓްޖީޕީޓީ އާއެކު އެ ޓެކްނޮލޮޖީގެ ފީޗާސްތަކާއި އެ ފަންކްޝަން ކުރާ ގޮތާއި އޭގެ އެހެން ޕްރޮގްރާމްތައް ހިނގާ ގޮތް ބެލުން ވެގެންދިޔައީ އާފިޔާ އަށް ޝައުގުވެރިކަމަކަށެވެ.
އަދި އޭގެ އެކި އެޕްލިކޭޝަންތައް ނުކުންނަމުންދިޔައިރު އެއިން ކޮންމެ އެޕްލިކޭޝަނެއްވެސް އާފިޔާ ދިޔައީ ދަސްކުރަމުންނެވެ. އޭނާގެ އަމިއްލަ މަސައްކަތުގެ އިތުރުން ގޫގުލްގެ އޭއައި ޓްރެއިނިންގް ޕްރޮގްރާމެއް ހެދުމުގެ ފުރުސަތު ލިބި އިތުރުން އޭއައި ކޮންފަރެންސެއްގައި ބައިވެރިވެގެން ލިބުނު މައުލޫމާތުގެ އަލީގައި އެހެން މީހުންނަށް އުނގަންނާދޭން ބޭނުންވި ހިސާބަކީ މިކަމުގެ ފެށުން ކަމަށް އޭނާ ކިޔާދިނެވެ. "ދެން ވަކި ހިސާބަކުން އަޅުގަނޑަށް ރިއަލައިޒް ވީ އަޅުގަނޑަށް އެބަ އިނގެއޭ އޭއައި އާންމުކޮށް އެހެން މީހުންނަށް އިނގޭ ވަރަށް ބުރެ ބޮޑަށް. އެހިސާބުން އުނގަންނާދިނުމުގެ ވިސްނުން ފެށިގެން އައީ" އާފިޔާ ކިޔާދިނެވެ.
ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާ އާފިޔާ ކުރިމަތިލީ ކަށިން ހިތްވަރު ނެރެގެން
މި ދާއިރާއަށް ނުކުތުމުގެ ކުރިން ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ އަމިއްލަ ދިރިއުޅުމުގައި ދިމާވި އިންފާޓިލިޓީ ޖާނީ ކަމަށް އަސަރާއެކު އާފިޔާ ކިޔާދިނެވެ. އޭނާ ސިފަ ކުރި ގޮތުގައި އެއީ ދިރިއުޅުމުގައި ދިމާވި 'ރޮކް ބޮޓަމް' އެވެ. މީހަކާ އިނދެ ދިރިއުޅުމުގައި ކޮންމެ އަންހެނަކުވެސް ދެކެން ބޭނުންވާ ދުވަސް އާފިޔާ ވެސް ދެކުމަށް ފޮނި އުންމީދުތަކެއް ކުރިއެވެ. ނަމަވެސް ކަން ދިމާކުރީ މުޅިން އެއާ ހިލާފަށެވެ. ނަމަވެސް އެއީ ރަހުމަތެއް ކަމަށް ވިސްނައިގެން އާފިޔާ ނިންމީ ކަށިން ހިތްވަރު ނެރެ އައިވީއެފް ހެދުމަށް އިންޑިއާއަށް ފުރުމަށެވެ.
އަދާ ކުރަމުންދިޔަ ވަޒީފާއިން ޗުއްޓީ ނަގައިގެން އާފިޔާ އިންޑިއާގައި އެއް އަހަރު މަޑު ކުރިއެވެ. ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުމުގެ އުންމީދުގައެވެ. ނަމަވެސް ވެރި އިލާހުގެ ނިންމެވުން ތަފާތެވެ. ދެ ފަހަރު އައިވީއެފް ހެދި ނަމަވެސް ދެ ފަހަރުވެސް މިސްކެރިއޭޖް ވީއެވެ. އެ ހިތާމަވެރި ދުވަސްތައް ގުނުމަށްފަހު އެނބުރި އާފިޔާ ރާއްޖެއައީ އިތުރު ހިތްވަރަކާއި މާލީ ހާލަތު ރަނގަޅު ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ދެން ވެސް އާފިޔާ އަށް ކުރިމަތިލާން ޖެހުނީ ދަތި ދުވަސްތަކަކާއެވެ. އަދާ ކުރަމުން ދިޔަ ވަޒީފާ ގެއްލުމުން އިތުރު ކަންތައްތަކަކާމެދު ވިސްނަންޖެހުނެވެ.
މިހުރިހާ ކަމެއް އެއް ފަހަރާ ހަޔާތުގައި ދިމާވުން ވެގެންދިޔައީ މީހާ އެއްކޮށް ނަފްސާނީ ބަލިމަޑު ކަމަކަށް ދިޔަ ދުވަސްވަރެއް ކަމަށް އޭނާ ކިޔާދިނެވެ. ޑިޕްރެޝަނުގައި 6 ވަރަކަށް މަސް ދުވަސް ހޭދަ ކުރުމަށްފަހު އަނެއްކާވެސް އާފިޔާ މަސައްކަތް ފެށީ ދިރިއުޅުމުގައި ދިމާވާ ކަންކަމުން އަރައިގެނެ ކުރިއަށް ދިއުމަށެވެ.
ކަން ދިމާ ކުރި ގޮތުން އެ ދުވަސް ވަރު އާފިޔާއަށް ފުރުސަތު ލިބިގެން ދިޔައީ މަޕްސާއަށް (މޯލްޑިވްސް ސްޕީކާރސް އެސޯސިއޭޝަން) ގުޅުމުގައެވެ. މަޕްސާއާއި ގުޅިގެން ލިބުނު ކުރިއެރުންތައް އާފިޔާ ފާހަގަ ކުރީ އެއީ ހަމަ ބޮޑު ނަސީބެއްގެ ގޮތުގައެވެ. އެތަނުން ދިމާވި އެކި މީހުންގެ ދިރިއުޅުމުގެ އެތައް ވާހަކަތަކަކުން އާފިޔާގެ ދިރިއުޅުމުގައި ވެސް ކުލަޖެހެމުންދިޔައެވެ. އަދި އެފަދަ މީހުންގެ ހިތްވަރާއި ކެތްތެރިކަމަކީ އާފިޔާ ކަޑައްތު ކުރި އެންމެ އުނދަގޫ ދުވަސްތަކުން އަރައިގަތުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
މިކަން ތަހައްމަލުކުރާ އެހެން މީހުންނަށް އާފިޔާ ދިން ނަސޭހަތަކީ ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ޑޮކްޓަރުންގެ އިރުޝާދުތަކަށް ތަބާވެ، ﷲގެ ހަޒްރަތުގައި ދަންނަވައިގެން ކެތްތެރިކަމާއެކު ކުރިއަށް ދިޔައީމަ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވާނެއެވެ.
އޭއި މަސައްކަތުގެ އިތުރުން ވެސް އާފިޔާ ދަނީ މަސައްކަތް ކުރަމުން
އޭއައި އުނގަންނާދިނުމުގެ އިތުރުން ވެސް އާފިޔާ ދަނީ އެހެން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޭނާގެ އިންފާޓިލިޓީ ޖާނީއާ ބެހޭ ފޮތެއް ލިޔެ ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފޮތް ލިޔެ ނިންމާފައިވާއިރު މިހާރު ކުރަމުންދަނީ ފޮތް ފާސްކުރުމުގެ މަސައްކަތް ކަމަށް އޭނާ ކިޔާދިނެވެ. އަދި އޭނާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެ ފޮތް ޕަބްލިޝްކުރެވޭ ދުވަސްކަމަށް ވެއެވެ.
އަދި އޭގެ އިތުރުން ގްރެފިކް ޑިޒައިނިންގް މަސައްކަތާއި އޭއައި ބޭނުންކޮށްގެން ކުދި ވިޔަފާރިތަކަށް ބޭނުންވާ ކަހަލަ އެޕްލިކޭޝަނެއް ތައްޔާރު ކުރުމަކީވެސް އޭނާ މިހާރު ކުރަމުންދާ މަސައްކަތެކެވެ.
އޭއައިގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ވާހަކަތަކާ އާފިޔާ ދެކޮޅު
އޭއައި އާއެކު އެންމެ ބޮޑު ބިރެއްގެ ގޮތުގައި އެންމެންނަށްވެސް ސިފަ ކުރެވިފައި އޮތީ އަދާ ކުރަމުންދާ ވަޒީފާތައް ގެއްލިދާނެ ކަމެވެ. ނަމަވެސް އާފިޔާ އެ ވާހަކަތަކާ ދެކޮޅެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ އޭއައި އަކީ 'ސުޕާ ކޮމްޕިއުޓާ' އަކަށް ވުމެވެ. އޭއައިއަކީ ޓޫލެއް ކަމަށާއި އެ ޓޫލްގެ ބޭނުން ހިފައިގެން އަދާ ކުރަމުންދާ ވަޒީފާ އިތުރަށް ލުއި ފަސޭހަ ކޮށް އަދާ ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
އަދި މީގެ އެތައް ގަރުނެއް ކުރިން ކޮމްޕިޓަރުވެސް ތައާރަފްވިކަން ފާހަގަކޮށް އާފިޔާ ބުނީ އެ ދުވަސްވަރުވެސް ގިނަ ބަޔަކަށް އެ ބިރުވެރިކަން ލިބުނު ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ކޮމްޕިޓަރާ އެއްކޮށް ވަޒީފާތައް އަދާ ކުރުމުގެ މަސައްކަތް ފެށުނު ކަމަށް އޭނާ ކިޔާދިނެވެ. އޭއައިގެ ސަބަބުން މަދު ވަޒީފާއެއް އުވުމުގެ ފުރުސަތު އޮތް ނަމަވެސް ގިނަ ވަޒީފާތައް ބަދަލުވެގެންދާނީ އޭއައިގެ ބޭނުން ހިފައިގެން ހަމަ ކުރިއެކޭވެސް އެއްފަދައިން ކަމަށް އާފިޔާ ބުންޏެވެ.
ބައެއް ވަޒީފާ އުވުނު ކަމުގައި ވިޔަސް އާ ވަޒީފާތައް އުފެދިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި ހަމަ އެހެންމެ ވަޒީފާ އަދާ ކުރާގޮތަށް ބަދަލުތަކެއް އައިސް މިހާރު މެނުއަލީ ކުރާކަންކަން އޮޓޮމެޓް ވުމުގެ ބަދަލު ކަމަށް އާފިޔާ ބުނެއެވެ.
މި ދާއިރާއިން އާފިޔާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބައިނަލްއަގްވާމީ ފެންވަރުގައި އޭއައި ކިޔަވާދެވޭނެ ދުވަހެއް
ދިމާވާ ބައެއް މަދު މީހުން އޭއައިއަކީ ކަމުދާ އެއްޗެއް ނޫނޭ ބުނާފަހަރު އަންނަކަން ފާހަގަކޮށް އާފިޔާ ބުނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ހުރިހާ ދިވެހިންނަށްވެސް އޭއައި އުނގަންނާދެވި އޭގެ ބޭނުން އެންމެ ފުރިހަމައަށް ކުރާނެ ދުވަހެކެވެ. އާފިޔާ ގަބޫލު ކުރާ ގޮތުގައި އޭއައި ކަމުނުދާ ކަމަށް މީހުން ބުނާ އެންމެ ބޮޑު އެއް ސަބަބަކީ އެއިން ލިބޭ ފައިދާތައް ނޭނގޭ މީހުންނެވެ. އެހެންކަމުން އެފަދަ މީހުންނަށް އުނގަންނާދީ އޭގެ ބޭނުން ހިފައިގެން އާމްދަނީ ހޯދޭނެ މަގެއް ކޮށާ ދިނުމަކީ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.
މިހާރުވެސް އޭއައި މެދުވެރިކޮށް އާމްދަނީ ހޯދޭނެކަން ފާހަގަކޮށް އާފިޔާ ބުނީ ފޮތް ތަކެތި ޕަބްލިޝްކޮށްގެންވެސް އެއިން އާމްދަނީ ހޯދޭނެ ކަމަށެވެ. މީގެ ކުރިން ފޮތް ލިޔާމީހުން ގްރެފިކް މަސައްކަތާއި ކުރެހުމުގެ ކަންކަން އެހެން މީހެއް މެދުވެރިކޮށް ކުރި ނަމަވެސް އޭއައިއާއެކު އެކަންކަމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
މީގެ އިތުރުން ވެސް ވެބްސައިޓް އަދި އެޕްލިކޭޝަން ފަދަ ތަކެތި ވެސް ބިލްޑުކޮށް އެއިން މަންފާ ހޯދޭނެ އެކި ގޮތްތައް އެބަހުރި ކަމަށް އާފިޔާ ކިޔާދިނެވެ. "އެންމެ ދެކެން ބޭނުންވަނީ ރާއްޖޭގެ ހުރިހާ އެންމެން އޭއައި އެނގުން އަދި ރާއްޖޭގަ ވެސް އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އަޅުގަނޑަކީ އޭއައި އެޑިއުކޭޓާއެއްގެ ގޮތުގައި ކުރިއެރުން" އޭނާ ދެކޭ ފޮނި ހުވަފެން ހިއްސާ ކުރަމުން ބުންޏެވެ.
މީގެ އިތުރުން ވެސް އާފިޔާ ދަނީ އެކި ފަރާތްތަކުން ހޭލުންތެރި ކުރުމަށް ޖެނެރޭޓިވް އެޑީއުކޭޓާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފޭސްބުކް ޕޭޖެއް ވެސް ހިންގަމުންނެވެ. 'އެފީސް' ގެ ނަމުގައި ހިންގަމުންދާ މި ޕޭޖުގައި އޭނާ ދަނީ ކޮންމެ ދުވަހަކުވެސް ޖެނެރޭޓިވް އޭއައި އާއި ގުޅޭ ހާއްސަ މައުލޫމާތު ކޮޅެއް ހިއްސާ ކޮށްލަމުންނެވެ.
މުޖްތަމައުގެ ހުންގާނުން ކަމަށްވާ ޒުވާނުންނަށް އާފިޔާ ބުނަނީ
ދިރިއުޅުމުގައި އެކި ގޮންޖެހުންތައް ދިމާވި ނަމަވެސް ކުރިއަށްދާން ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަކީ އާފިޔާގެ ނަސޭހަތެކެވެ. ދިމާވާ ކަމަކުން މާޔޫސްނުވެ ކުރިއަށްދާން މަސައްކަތް ކުރާށެވެ. އަދި އެއްވެސް މަސައްކަތެއް ކުރުމުގައި އުމުރަށް ބެލުމުގެ ބަދަލުގައި އެމީހަކު އެކަމަކަށް ތައްޔާރުވެފައި ހުރި މިންވަރު ވަޒަން ކުރުމަށްފަހު އެ މަސައްކަތެއް ކުރުމުން ކާމިޔާބު ވާނެ ކަމަށް އާފިޔާ ބުންޏެވެ.
"އަޅުގަނޑުވެސް އުމުރުން 43 އަހަރުގަ މިއާދެވުނީ އަސްލު އަންނަން ބޭނުންވާ މަންޒިލަށް. އެހެންވީމަ މަސައްކަތް ކުރާށޭ ކުރިއަށްދާން" އާފިޔާ ކިޔާދިނެވެ.
އާފިޔާ ގަބޫލު ކުރާ ގޮތުގައި އޭނާއަށް މި ހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއް އެހީތެރިކަމާއެކުއެވެ. އެގޮތުން ފިރިމީހާ، ކޮއްކޮމެން، މަންމަ، ބައްޕަގެ އިތުރުން މޯލްޑިވްސް ސްޕީކާސް އެސޯސިއޭޝަންގެ އެކި އެކި މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަން އާފިޔާ ބަލައިގަންނަނީ ހިތުގެ އެންމެ އަޑިންނެވެ. އަދި މި ހުރިހާ ފަރާތްތަކަށް ވެސް އާފިޔާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.
