ގެދޮރު އިމާރާތްކުރުމާ، މަގު ހެދުމުގެ މަސައްކަތްތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ހެދުމާއި ގުޅޭގޮތުން ގެނައި އިސްލާހުތައް މިހާރު ވަނީ ގެޒެޓު ކޮށްފައެވެ. މި އިސްލާހުގައި 31 މަޝްރޫއޫއެއް ކުރިއަށް ގެންދާއިރު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް، ހަދަންޖެހެއެވެ. އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓަކާ ނުލައި 25 މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމެއް ވަނީ ހިމަނާފައެވެ.

އެގޮތުން މަގު ހެދުމުގެ މަޝްރޫއުތަކާ، ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކާ، ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އީއައިއޭ ހަދަން ނުޖެހޭނެއެވެ. އަދި ދުވާލަކު 5 ޓަނަށް ވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުމާ، މިހާރު ހިންގަމުންދާ ފެން ޕްލާންޓް ހައުސްއެއްގައި އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅައި ލޮނުފެން މީރުފެނަށް ހަދާ ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދަން ނުޖެހެއެވެ.

މީގެ އިތުރުން ކަމާގުޅޭ އިދާރާއިން ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންނުކޮށް ވެލިނެގުމާ، ފަޅުތެރެއިން ސަރަހައްދެއް މެޝިނަރީ ބޭނުންކޮށްގެން ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ މަސައްކަތްކުރުމަށް އީއައިއޭ ހަދަން ނުޖެހެއެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނުވާ ރަށްރަށުގައި މޫދަށް ހޮޅި އަޅައިގެން ނަޖިހާއި ނަޖިސްފެން ބޭރުކުރުމާ، ރަށް ގިރުމުގެ ސަބަބުން ގޯތިގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށް އީއައިއޭ ހަދަން ނުޖެހެއެވެ.

މި ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ އަލަށް ތަރައްޤީކުރާއިރ،ު އެ ތަނުގައި ފުރަތަމަ ގާއިމުކުރަންޖެހޭ ގުދަނާ،ި އެކޮމޮޑޭޝަން ބްލޮކް، ކޮމިއުނިކޭޝަން ޓަވަރު އެޅުމަށްވެސް އީއައިއޭ ހަދަން ނުޖެހެއެވެ. އަދި 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ.