ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ފެށުމާއި ގުޅިގެން އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫ ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ އެ އެޖެންސީން ބަލާފައި ވާކަމަށެވެ.
މި ގޮތުން އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހޯދި މައުލޫމާތުން އީއައޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫ ގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާކަން އެ އެޖެންސީއަށް ޔަގީން ކުރެވިފައި ވެއެވެ.
އެހެންކަމުން، އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން، މި މަހުގެ 20 ވަނަ ދުވަހު އެ ކުންފުނި 20,000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ ދެއްކުމަށް އަންގާފައިވާކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އެޖެންސީ އިން ބުނީ ޖޯލި މުރަވަންދޫ ގައި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާ އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށްވެސް އެ ކުންފުންނަށް އަންގާފައިވާކަމަށެވެ.