ހިމާޔަތްކުރެވިފައިވާ ށ. ފަރުކޮޅުން ވެލިނަގާ މައްސަލަ ބޮޑުވެ، އެ މައްސަލަ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާކަމަށް ށ.ފޮނަދޫ ކައުންސިލުން ބުނެފިއެވެ.
ފޮނަދޫގެ އިހުތިސާސުގެ ތެރޭގައިވާ ރަށެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާއިރު، ފަރުކޮޅަކީ ހިމާޔަތް ކޮށްފައިވާ ރަށެކެވެ. ނަމަވެސް މި ފަހުން ފަރުކޮޅުގެ ގޮނޑުދޮށުންނާ، ތުނޑިން އަދި ފަޅުތެރެއިން ވެލިނަގާ މައްސަލަ ބޮޑުވެފައިވާއިރު، ށ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފަރުކޮޅަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރަމުންދާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުން ރައްކާތެރިކޮށް، ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކި މީހުން އެ ސަރަހައްދުން އުދެއްޔާއި، ފަކީރާއިން ވެލިނެގުމުގެ އިތުރުން، ޕަންޕު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ވެލިނެގުމުގެ މައްސަލަ ބޮޑުވެ ޝަކުވާ ލިބެމުން އަންނަކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ބަލަމުންދާކަމަށެވެ. އަދި ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުން ވެލިނެގުމަކީ އެ ސަރަހައްދު ހިމާޔަތްކުރުމަށް ކޮށްފައިވާ އިއުލާނުގައި، ކުރުން މަނާކަމުގައި ބަޔާންކޮށްފައިވާ ކަމެއްގެ އިތުރުން ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައި ވެސް މަނާކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.