ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށެވެ. ގޯއްޗަށް އެދި ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ އެ އުސޫލުގެ ދަށުން ދޫކުރާނީ ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯތިކަމަށެވެ. "ގޯތިގެދޮރު" ޕްރޮގްރާމްގައި ދެ ކެޓަގަރީއެއް ހަމަނާފައިވާއިރު ކެޓަގަރީ އެކެއްގައި ހިމެނެނީ މާލޭ ރަށްވެހިންނެވެ. ދެވަނަ ކެޓަގަރީ ހާއްސަ ކޮށްފައި ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ.

ގޯއްޗަކަށް ކުރިމަތިލުމަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފުލެޓެއް/ ބިމެއް ނަމަ، ރަޖިސްޓަރީއެވެ. އަދި މާލޭ ރަށްވެއްސެއް ނަމަ މާލޭގައި ރަޖިސްޓަރީވެފައިވާ ތާރީހު އެނގޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެވެ.

މީގެ އިތުރުން މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ވަޒީފާގެ ލިޔުން ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ މުއްދަތު ސާބިތުކުރުމަށް ތައުލީމީ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުން ވެސް ހުށަހެޅިދާނެއެވެ.