އިޒްރޭލުން އީރާނަށް ދިން ފުރަތަމަ ހަމަލާތަކުގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލެވުނު ކަމަށް އިޒްރޭލުން ބުނުމުން އެކަން ދޮގު ކުރުމަށް ފަހު އީރާނުން މިއަދު އެކަން ތެދުކޮށްފިއެވެ.

އީރާނުގެ ސަރުކާރުގެ މިޑިއާއިން މިއަދު ބުނީ، ހާމަނާއީގެ އިތުރުން ދަރިކަނބަލުންނާއި ދަނބިދަރިކަލުންނާއި ކާފަ ދަރިފުޅަކުވެސް އަވަހާރަވެފައި ވާ ކަމަށެވެ.

އީރާނުގެ ނިއުސް އެޖެންސީ އައިއާރުއެންއޭ އިން ބުނީ، އަވަހާރަވި ބޭފުޅުންގެ ތެރޭގައި ހާމަނާއީގެ އިސް މުޝީރު އަދި ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްކާނީ ވެސް ހިމެނޭ ކަމަށެވެ. ޝަމްކާނީ ގެ އިތުރުން އައިއާރުޖީސީގެ އިސްވެރިޔާ މުހައްމަދު ޕަކްޕޫރުވެސް އަވާހަކަ ވެފައި ވާކަމަށް ވަނީ ހާމަ ކޮށްފައެވެ.

މިއީ ރޫހީ ލީޑަރު ހާމަނާއީ އާއި އިސް ލީޑަރުންތަކެއް އަވަހާރަ ކޮށްލެވުނު ކަމަށް އިޒްރޭލާއި އެމެރިކާއިން ބުނެ އެވާހަކަ އާންމު ކުރުމުން އެއީ ދޮގެއް ކަމަށާއި އިޒްރޭލާއި އެމެރިކާއިން އުޅެނީ 'ސިކުނޑީގެ ހަނގުރާމައެއް' ކުރަން ކަމަށް ބުނެ ވާހަކަ ދެއްކުމަށް ފަހު އެވާހަކަތައް އަނބުރާ ގެންދިޔަ ފުރަތަމަ ފަހަރެވެ.

ހާމަނާއީ އަވަހާރަ ކޮށްލުމަކީ އެމެރިކާ އާއި އިޒްރޭލުގެ މައިގަނޑު އެއް އަމާޒު ކަމަށް ވާއިރު އީރާނަށް ހެނދުނުގެ ވަގުތުގައި ދިން ފުރަތަމަ ހަމަލާތަކުގައި ހާމަނާއީގެ އޮފީސް އިމާރާތާއެކު އެ އިމާރާތް ހުންނަ ސަރަހައްދު ވަނީ އަންދާ ބިމާ ހަމަކޮށްފައެވެ.

އެއާބަސް ސެޓެލައިޓް އިމޭޖަރީން ނަގާފައިވާ ފޮޓޯތައް އާންމުކޮށް ދައްކާފައި ވާ އިރު ހާމަނާއީގެ އޮފީސްކޮޅު ފެންނަންވެސް ނެތެވެ.

އަވަހާރަކޮށްލި މީހުންގެ ތެރޭގައި އިޒްރޭލުން މީގެ ކުރިން ވަނީ ޝަމްކާނީ އާއި ޕަކްޕޫރު ހިމެނޭ ގޮތުން ހާމަނާއީ އާއެކު ޖުމްލަ 7 ބޭފުޅެއްގެ ނަން އިއުލާން ކޮށްފައެވެ. ނަމަވެސް އެ އެންމެން އަވަހާރަވި ކަން އީރާނުން ޔަގީން ކޮށްދީފައެއް ނުވެއެވެ.

އަވަހާރަވި ބޭފުޅުންގެ ތެރެއިން ޕަކްޕޫރަކީ، މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި އައިއާރްޖީސީގެ ކޮމާންޑަރު އަވަހާރަ ކޮށްލުމުން އެ މަގާމަށް އައްޔަން ކުރި ބޭފުޅެކެވެ. ޝަމްކާނީ އަކީވެސް އެ ހަނގުރާމައިގައި ޒަހަމްވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި މި 2 ބޭފުޅުންނަކީ ދާދިފަހުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ 2 ބޭފުޅުންނެވެ.

ހާމަނާއީ އަވަހާރަވެފައި ވާހަކަ އިއުލާން ކުރުމާއެކު އީރާނުގެ އެތަން މިތާނގައި ހިތާމަފާޅުކުރަމުން އެބަގެންދެއެވެ.