މެދު އިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އިން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން ނުފުރި ތިބި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވަގުތު އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން އަދި ދިވެހިން ވެސް ނުފުރި އެބަ ތިއްބެވެ. މިއީ މިއަދު ކެންސަލްވި ފްލައިޓްތަކުން ދަތުރު ކުރަން ހަމަޖެހިފައިވާ ފަސިންޖަރުންނެވެ. އޭގެ ތެރެއިން ފަސިންޖަރަކު މައުލޫމާތު ދެމުން ބުނީ، ފްލައިޓްތައް ކެންސަލް ވެފައިވާ އިރު ދެން ފުރޭނީ ކޮން އިރަކު ކަން ވެސް ނޭނގޭ ކަމަށެވެ.
ފްލައިޓްތައް ޑިލޭވެ ކެންސަލްވުމާ ގުޅިގެން މިއަދު 2000 އަށް ވުރެ ގިނަ މީހުން އެއާޕޯޓުގައި ތާށިވި ކަމަށް އިނާ މޯލްޑިވްސް ސީއީއޯ މުހައްމަދު ފިރާގު ބުނެފައި ވެއެވެ. ފިރާގު ބުނީ ކުއްލިއަކަށް ކުރިމަތިވި މި ގޮންޖެހުމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރުމާއި، މުއާމަލާތްތައް ރަނގަޅުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ނުވެއްޓޭނެ ހެން އަވަސް ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށެވެ.
މިއަދު މެންދުރުފަހުން ފެށިގެން ޕްލައިޓްތައް ޑިލޭކޮށްފައިވާ އިރު މިހާރު ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ. ޑިލޭ ވީ ފްލައިޓްގެ ތެރޭގައި މިއަދު މެންދުރު ފަހު 2:20 ގައި ސާރްޖާހަށް ފުރަން ހަމަޖެހިފައިވާ އެއާ އަރަބިއާގެ ފްލައިޓާއި މިރޭ 7:00 ގައި ބަހްރެއިންއަށް ފުރަން ހަމަޖެހިފައިވާ ގަލްފްއެއާގެ ފްލައިޓް ހިމެނެއެވެ. އެ ދެ ފްލައިޓްތަ ޑިލޭކޮށްފައިވާ އިރު ފުރާނެ ދުވަހެއް އަދި ތާރީހެއް އާންމުކޮށްފައެއް ނުވެއެވެ.
ކެންސަލް ކޮށްފައިވާ ފްލައިޓްތަކަށް ބަލާއިރު، މިރޭ 9:45 ގައި އަދި މިރޭ 9:05 ގައި ދޯހާއަށް ފުރަން ހަމަޖެހިފައވާ ގަތަރުގެ ދެ ފްލައިޓް ވެސް ވަނީ ކެންސަލް ކޮށްފައެވެ. ހަމައެއާއެކު މިރޭ 11:00 ގައި ދުބާއީ އަށް ދުރާ އެމިރޭޓްސްގެ ފްލައިޓް އަދި ފްލައި ދުބާއީގެ ފްލައިޓް ވެސް ވަނީ ކެންސަލް ކޮށްފައެވެ. އަދި މިރޭ 11:10 ގައި ކުއަލަލަމްޕޫރަށް ފުރާ ބެޓިކް އެއާގެ ފްލައިޓާއި މިރޭ 11:30ގައި ދުބާއީއަށް ފުރާ ފަލައިދުބާއީގެ ފްލައިޓް ވެސް ވަނީ ކެންސަލްވެފައެވެ.
މާދަމާގެ ފްލްއިޓްތަކުގެ ޝެޑިއުލްއަށް ބަލާއިރު، ހެނދުނު 9:05 ގައި ދުބާއީއަށް ފުރާ އެމިރޭޓްސްގެ ފްލައިޓާއި 9:10 ގައި އަބޫދާބިއަށް ފިރާ އެތިހާދުގެ ފްލައިޓް ވެސް ވަނީ ކެންސަލް ކޮށްފައެވެ. އަދި 9:35 ގައި އަބޫދާބީއަށް ފުރާ އެތިހާދުގެ ފްލައިޓާއި 9:40 ގައި ދޯހާއަށް ފުރާ ގަތަރުގެ ފްލައިޓް ވެސް ވަނީ ކެންސަލް ކޮށްފައެވެ.
ވެލާނާ އެއާޕޯޓުން މިއަދު ގިނަ ފްލައިޓްތަކެއް ކެންސަލްވެގެން ދިއުމާ ގުޅިގެން އެމްއޭސީއެލް އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބާޔާނުގައި ބުނެފައި ވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް އެެއާޕޯޓަށް ދިއުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އިރާނުގެ ތެހެރާނަށް ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓްގެ އިތުރުން ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އަދި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރިއަށެވެ.
މި ހަމަލާ އާއެކު އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާ އިރު، އިޒްރޭލުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި މުޅި އިޒްރޭލުގައި ސައިރަން އަޅާފައިވާއިރު އިޒްރާލުން މިހާރު ވަނީ ފަލަސްތީނުގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފައެވެ.
