އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި ދެމި ތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކީ ދިވެހި ތާރީހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ގައުމީ ތާރީހުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ގަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ހިކްމަތްތައް ލިިބިގެންދާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދިވެހިން މި ފަހުރުވެރި ގައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާ ކަން ތާރީހުން ހެކިދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީހު ކަަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‎ދިވެހި ތާރީހާއި ތަރިކަ ރައްކާތެރިކޮށް، ތާރީހާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފައެވެ.