ދެ އިންތިހާބު އެއްކޮށްލުމަށް ދެކޮޅު ހަދަނީ އިންތިހާބަށް ކައިރިވުމުން ކެންޑިޑޭޓުން ރަށްތަކަށް ދަތުރުކޮށް، ކަޑަ ނުވަތަ ބިންގާ އަޅުމަށް ކަމަށާއި އޭގެ ފަހުން އެ މީހުން ދެން ފެންނާނީ އާ ކަޑައެއް ޖަހަން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވަނީ މައި ދެ އިންތިހާބު އެއްކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން ދާތީ އެކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާ، މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ، އިންތިހާބަށް ކަޑަ ޖެހުމަށް އާދަވެފައި ތިބުމުން ކަމަށެވެ. ކުރީ ޒަމާނުއްސުރެ އޮންނަނީ އިންތިހާބަށް ކަޑަ ޖެހުމުގެ އުސޫލުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އިންތިހާބަށް ކަޑަޖެހުމަށް ފަހު އެ މީހުން ނުފެސް ފެންނާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޑިމޮކްރެސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ރިޔާސީ އިންތިހާބާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. ކޮންމެ ފަސް އަހަރަކުން ތިން އިންތިހާބު ބޭއްވިޔަސް، އެންމެ ގިނަ މީހުން ވޯޓުލަނީ ރިޔާސީ އިންތިހާބުގައި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އުޅެނީ ދެ އިންތިހާބު އެއް އިންތިހާބަކަށް ހަދަން ނޫން ކަމަށެވެ. އެހެންނަމަވެސް މިއީ ދެ އިންތިބާހުގެ ދެމެދު 6 މަސް ދުވަހުގެ މުއްދަތެއް އޮންނާތީ، އިންތިހާބުތައް އެއް ދުވަހަކަށް ހެދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނަކީ އިންތިހާބީ މަގާމެއް ކަމަށް ވިޔަސް މަދު މީހުން ނުކުމެ ވޯޓުލައިގެން މެންބަރަކު ހޮވުމަށް ވުރެ ގިނަ ބައެއްގެ ވޯޓާ އެކު މެންބަރުން ހޮވުން ރަނގަޅު ކަމަށެވެ. އަދި ރިޔާސީ އިންތިހާބާ، މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައިގެން އެކަން ހާސިލްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ އާ ވެރިއަކު އިންތިހާބު ކުރި ނަމަވެސް، އެ އިރެއްގައި އޮންނަ މަޖިލީހުން ފާސްކުރާ ބަޖެޓަކީ ވެސް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެހެން ނޫނީ މަސައްކަތްކުރަން ޖެހޭނީ ވަރަށް ހާލުގައި ކަމަށެވެ.
މި ހަފްލާގައި ރައީސް ވަނީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ރިޔާސީ އިންތިހާބާ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލީ އާބާދީގެ ތަފްސީލުތައްވެސް ހިއްސާ ކުރައްވައިފައެވެ.
