އެއް އަހަރަށްވުރެ އަނެއް އަހަރު ތަކެއްޗާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ކަމުގެ ޝަކުވާއަކީ ފަހަކަށްއައިސް ކަންފަތުގައި ގުގުމަމުންދާ ޝަކުވާއެކެވެ. ބޭރު ފައިސާއާއި ބައިނަލްއަގްވާމީ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ގިނަ ބާޥަތްތައް އެތެރެކުރާ ގައުމަކަށް އޭގެ އަސަރު އިންތިހާއަށް ކުރާނެކަން ވެސް އެނގެއެވެ. އެކަމަކުވެސް ތަކެތީގެ އަގުތައް މަތިވަމުންދާ ދަރަޖައަށް ބަލާއިރު ގިނަ ފަރާތްތަކުން ދަނީ އެކަންކަމާ ސުވާލު އުފައްދަމުންނެވެ.

މިސާލަކަށް ބަލާލަމާހެއްޔެވެ. ހުސްވި އަހަރު ސޯކްލީން ދޮންނަ ފުޅިއެއްގެ އަގު އުޅުނީ 45-50 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިހާރު އޭގެ އަގު އުޅެނީ 60-65 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. އަދިވެސް މިސާލެއް ބުނެދޭނަމެވެ. އެޕޯލޯ ކޭކު ފޮއްޓެއްގެ އަގު މިދިޔަ އަހަރު އުޅުނީ 45-50 ރުފިޔާއާ ދެމެދު އަގެއްގައެވެ. ނަމަވެސް މިހާރު ގިނަ ފިހާރަތަކުން އެޕޯލޯ ކޭކު ފޮއްޓެއް އުޅެނީ 60 ރުފިޔާއަށްވުރެ މަތީގައެވެ.

މި ކިޔާލަދިނީ ދެ ބާވަތެކެވެ. ނަމަވެސް ގިނަ ތަކެތީގެ އަގު ހުރީ އުފުލިފައެވެ. އަހަރެއްގެ ތެރޭގައި 15 ރުފިޔާގެ ފަރަގެއް އައުމުން ގިނަ ބަޔަކު އެކަންކަން ގަބޫލު ކުރަން ދަތިވެއެވެ.

އައްޑޫގެ ފިހާރައެއް / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ކަން މިހެން އޮތްއިރު ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭ މުސާރައިން ދެކޮޅު ޖެހޭނެ ކަމާމެދު ޝައްކެވެ. ނަމަވެސް އަހަރުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، އިގްތިސާދު ކުރުމަށް އިސްކަންދޭނަމަ އެކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރެވިދާނެއެވެ. މި ލިޔުމުގައި ވެސް ކިޔުންތެރިންނަށް މި ހިއްސާކޮށްދެނީ މިފަދަ ޒަމާނެއްގައި ހަރަދު ކުޑަ ދިރުއުޅުމެއް އުޅެން ކުރެވިދާނެ ބައެއް ކަންކަމެވެ.

ބޭރުން ކެއުމުގެ ބަދަލުގައި ގޭގައި ކާ ތަކެތި ތައްޔާރުކޮށްގެން ކެއުން

ގަބޫލުކުރަން ބޭނުން ނުވިއަސް މިއީ ދިވެހިންގެ ތެރޭގައި ހަރުލާފައިވާ ވަރަށް ނުރަނގަޅު އާދައެކެވެ. ކޮފީތަކާއި ކެއުންތަކަށް ކުރާ ހަރަދަކީ ތިމާއަށް ލިބޭ މުސާރައާއި ނުބައްދަލު ހަރަދެއް ނަމަވެސް މިފަދަ ކަންކަމާ ދުރުވަނީ ކިތައް މީހުންބާވައެވެ؟ ކޮންމެ ދުވަހަކު މިފަދަ ހަރަދުތަކަށް ހޭދަ ކުރާނަމަ ބޮޑު އެއްޗެއް ހޭދަވެއެވެ.

ގޭގަ ކައްކާ މަންޒަރު ދައްކުވާދޭ ފޮޓޯއެއް

އޭގެ ބަދަލުގައި އޮފީހުގެ ބްރޭކް ގަޑިއަށް އެއްޗެއް ގެއިން ތައްޔާރުކޮށްގެން ދިއުން އަދި އެހެނިހެން ވަގުތުތަކުގައި ވެސް ގޭގައި ކާނާ ތައްޔާރުކޮށްގެން ކެއުމުގެ އާދަތައް ގެންގުޅޭނަމަ ފައިސާ ސޭވް ކުރެވޭނެއެވެ.

ތަކެތި ގަންނައިރު އެއެއްޗެއްގެ ކޮލިޓީއަށް އިސްކަންދިނުން

އެއްޗެއް ގަންނައިރު އޭގެ ކޮލިޓީއަށް ބެލުމުގެ ބަދަލުގައި އަގު ހެޔޮ އެއްޗިއްސަށް ބަލާނަމަ ވެސް ހަރަދު ބޮޑުވާނެއެވެ. މިސާލަކަށް ގޭގަ ކައްކަން ގެންގުޅޭ ތެލި ސެޓަށް ވިސްނާލަމާހެވެ. އަގު ހެޔޮކޮށް ތެލި ސެޓެއް ގަތުމަށްފަހު އެއް އަހަރު ނުވެ އޭގެ ޕްލޭޓް ގޮސް ކައްކަން އުނދަގޫވުމުން އަނެއްކާވެސް ޖެހޭނީ ތެލިސެޓު އާ ކުރާށެވެ.

އޭގެ ބަދަލުގައި ރަނގަޅު ތެލިސެޓެއް ތަންކޮޅެއް އަގު ބޮޑުކޮށް ގަތުމަށްފަހު 3-4 އަހަރު އެ ތެލި ސެޓު ބޭނުންކުރާނަމަ އެ ހަރަދުވެސް ސޭވް ކުރެވޭނެއެވެ. މިފަދައިން ބުނި ނަމަވެސް ކޮންމެހެން ބޭނުން ނުވާ އަގު ބޮޑެތި ދަބަހާއި ސެންޓު ފަދަ ތަކެތި ގަތުމަކީ ކުރެވޭ އިސްރާފެކެވެ. އަދި ޒަރޫރީ ބޭނުމަކަށް ނޫންނަމަ އެއްޗިސް ގަތުން މަދު ކުރެވިދާނެއެވެ.

އަންހެނަކު ވިޔަފާރި ކުރާ މަންޒަރު

ގެންގުޅޭ ތަކެތި ހަލާކުވަންދެން ބޭނުންކޮށް، ދެވަނަ ފަހަރު ބޭނުން ކުރެވޭ ތަކެތި 'ރީ-ޔޫސް' ކުރުން

ދިވެހީންގެ ތެރޭގައި އަށަގަނެފައިވާ ނުބައި އާދައެއް އޮވެއެވެ. އެއީ ކޮންމެ ރަމަޟާން މަހަކަށް ގޭގެ ތަކެތި އާ ކުރުމެވެ. އޭގެ ތެރޭގައި ބަދިގެ ސާމާނާއި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ސޯފާ، ކާމޭޒު ފަދަ ތަކެތި ހިމެނެއެވެ. ނަމަވެސް މިއިން ކޮންމެ އެއްޗެއް އާ ކުރުމަކީވެސް ހަމަ ކުރެވޭ ބޮޑު ހަރަދެކެވެ. އޭގެ ބަދަލުގައި ގަންނަ ސޯފާވެސް ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ގޮތަކަށް ގެންގުޅުން މުހިންމެވެ.

މިސާލަކަށް ސޯފާގައި ކަވަރެއް އަޅުވާ އެ ދުވަސް ދުވަހުން ސާފު ކުރުމުން ހަޑިވުމާއި ހަލާކުވުން ވެސް ކުޑަވާނެއެވެ. އަދި ކޮންމެ އަހަރަކު ސޯފާ އާ ކުރުމުގެ ބަދަލުގައި ސޯފާ ކަވަރު އާ ކޮށްލުމުން ކުރަންޖެހޭ ބޮޑު ހަރަދަށް ލުއިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުންވެސް ތަށި ތެލި ފަދަ ތަކެތިވެސް ހަލާކުވުމުން ނޫނީ އާ ތަކެތި ނުގަތުމަކީ ހަރަދު ކުޑަ ކުރަން ކުރެވިދާނެ މުހިންމު ކަމެކެވެ.

ހަލާކު ނުވަނީސް ފަރުނީޗަރު އާ ކުރުމަކީ ވެސް ބޮޑު ހަރަދެއް، މިކަން ކަމަށް ވިސްނާލާ

ކަރަންޓާއި ފެން ބިލު ކުޑަ ކުރުމަށް މިކަންކަން ކޮށްލާ

ދެން ކުރެވޭ އެންމެ ބޮޑު ޝަކުވާއަކީ ގޭގެ ބިލުތައް އަތްނުފޯރާ ފަށަށް އުފުލިގެންދާ ވާހަކައެވެ. މައްސަލައެއް އުޅޭހެން ހީވާނަމަ ކަމާ ގުޅޭ އިދާރާތަކާ ވާހަކަ ދައްކައިގެން ޗެކު ކޮށްލެވިދާނެއެވެ. ނަމަވެސް ބައެއް ފަހަރު އަހަރުމެންގެ ފަރުވާ ކުޑަ ކަމުންވެސް ކަރަންޓާއި ފެނަށް ކުރަންޖެހޭ ހޭދަ ބޮޑުވާ ކަމަކީ ގަބޫލު ކުރަންޖެހޭ ކަމެކެވެ.

އެގޮތުން ބޭނުން ނުކުރާ ބޮކިތަކާއި ފަންކާތައް ނިއްވާލާ، ފެން ބޭނުންކުރާއިރު ވެސް ހާއްސަ ސަމާލުކަމެއް ދީގެން ބޭނުން ކުރުމަކީ ވެސް އެތައް ހަރަދެއް ލުއިކޮށްދޭނެ ކަމެކެވެ.

ްސްޓެލްކޯ ކަރަންޓު ބިލް

ޗުއްޓީ ހޭދަ ކުރަން ތަނަކަށް ދާނަމަ ތިމާގެ ފެންވަރުން ހަރަދު ކުރުން

ދިރިއުޅުމުގައި މި އުޅޭ ބިޒީ މާހައުލާ ދުރުވެ ޗުއްޓީއެއް ހޭދަކުރުމަކީ ކޮންމެ ނަފްސަކަށްވެސް ވަރަށް މުހިންމު ކަމެކެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ޗުއްޓީ ހޭދަ ކުރުންވެސް ވެފައި އޮންނަނީ ވާދަވެރި ކަމަކަށްވެފައެވެ. ރައްޓެހި ބަޔަކު ނުވަތަ އާއިލާގެ ބަޔަކު ބޭރު ގައުމަކަށް ޗުއްޓީ ހޭދަކުރަން ދިއުމުން ހަމަ އެ ގައުމަށް ދިއުމަށް ގިނަ ފަހަރު ހިތް އެދެއެވެ. އެފަދަ ހާލަތުގައި އެވަރަށް ފައިސާ ނެތްނަމަ ބޭންކުތަކާއި އެހެން މީހުންގެ އަތުން ލޯނު ނަގައިގެން އެކަންކަން ކުރާ ފަރާތްތައްވެސް މި މުޖްތަމައުގައި އުޅެމުންދާ ކަމީ ހިތާމަ ކުރާ ކަމެކެވެ.

ޗުއްޓީ ހޭދަކުރަން ދާއިރުވެސް ތިމާގެ ފެންވަރުން ތަނަކަށް ދިއުމަކީ ހަރަދު ކުޑަ ކުރެވޭނެ ކަމެކެވެ. ވަގުތީ ހިތް ހަމަޖެހުމަކަށް ލޯނު ނަގައިގެން އެކަން ކުރާނަމަ ގިނަ މުއްދަތަކަށް އެ ލޯނު ނުދެއްކިގެން ވިސްނަންޖެހުން އެއީ ތިމާގެ ނަފްސަށް ވެސް އިތުރު ބުރައަކަށް ވެގެންދެއެވެ. އޭގެ ބަދަލުގައި ޗުއްޓީ ނިންމާލުމަށްފަހު ވެސް ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

އާއިލާއެއް ސްނޯ ވެހޭ ސަރަހައްދެއްގައި ޗުއްޓީ ހޭދަކޮށްލަނީ

މި ލިޔުމުގައި ހިއްސާ މި ކޮށްލީ މަދު ކަންކަން ނަމަވެސް މީގެ އިތުރުން ވެސް ތިމާގެ އާދަތައް ބަދަލުކޮށްލައިގެން ހަރަދު ކުޑަ ކުރުމަށް ކުރެވިދާނެ އެތައް ކަމެއް ވެއެވެ. އުންމީދަކީ މިފަދަ ކުދި ކުދި އަމަލުތަކަށް ވިސްނައިގެން ދިރިއުޅުމުގައި ވީހާވެސް ހަރަދު ކުޑަކޮށް ކުރިއަށްދިއުމަށް ވިސްނުމެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތް ޖީލުތަކަށް ވާސިލް ކުރުމަށް އަޅުގަނޑުމެން ދަރީންނަށް ވެސް އުނގަންނާދޭންޖެހެއެވެ.