މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ހުށަޅާނެއެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައެވެ.

މީގެއިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ވެސް ބޯޑުންވަނީ ހުށަހަޅާފައެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ. ބޭންކުން ބުނީ ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމަށްކަމަށެވެ.

މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.