ޑައިރެކްޓަރު އަދި ފިލްމީ ތަރި އަހުމަދު ނިމާލް ނިޔާވެއްޖެއެވެ.
ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ގެންދާތާ ގާތްގަނޑަކަށް 2 މަސް ދުވަހާ ގާތްވެފައި ވަނިކޮށް ނިމާލް ނިޔާވެފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:50 ހާއިރު ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.
ދެވެހި ފިލްމީ އިންޑަސްޓްރީގައި މަގުބޫލު މޫނެއްގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައިވާ ނިމާލަށް ސްޓްރޯކް ޖެހުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހގެ 31 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ސްޓްރޯކް ޖެހުނީ ސައިކަލުގައި އޭނާ ދަނިކޮށް އެނބުރުން އަރާ ގޮތްވެގެން މަގުގެ އެއްފަރާތުގައި މަޑުކޮށްލި ވަގުތު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭރު ނިމާލަށް ހުރެވުނީ އޭޑީކޭ ހޮސްޕިޓަލާ ދާދި ގާތުގައި ކަމުން، ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.
އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ޖެހިގެން އައި ދުވަހު އައިޖީއެމްއެޗް ގެ އައިސީޔޫއަށް ބަދަލު ކުރިއެވެ.
ނިމާލަށް ޖެހުނު ސްޓްރޯކަކީ މޭޖާ ސްޓްރޯކަކަށް ވުމާއެކު އޭނާ ކޯމާ ސްޓޭޓަސް އަކަށް ދިޔަ ކަމަށާއި، އެއާއެކު ރެސްޕޮންޑް ކުރުން ހުއްޓިގެން ދިޔަ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. އައިޖީއެމްއެޗްގައި ވެސް އޮތީ އެހާލަތުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ނިމާލަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އޭރު އާއިލާއިން މަސައްކަތް ކުރިއެވެ. ނަމަވެސް އޭރުންސުރެ ނިމާލް ވެންޓިލޭޓަރުގައި އޮތުމާއި، ރެސްޕޮންޑް ނުކުރުމާއި ހާލަތު ނާޒުކު ކަމުން ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ހުއްދަ ދީފައެއް ނުވެއެވެ.
ދިވެހި ފިލްމީ ދާއިރާއަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 1991 ގައި ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައި ވާއިރު، އޭނާ އަކީ ފިލްމް ޑައިރެކްޓް ކުރަން ފެށުމުގެ ކުރިން 1984 ގައި އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ތަރިއެކެވެ.
އީސާ ޝަރީފްގެ 'ނުފޫޒު' އިން ފިލްމް އިންޑަސްޓްރީއަށް ނިކުތް ނިމާލް ވަނީ 1993 ގައި އަމިއްލަ ފިލްމެއް އުފައްދާފައެވެ. ފިލްމް 'ސިޓީ' ގެ ނަމުގައި ތައްޔާރު ކުރި އެ ފިލްމު ލިޔުމާއި، ޑައިރެކްޓް ކުރުމުގެ އިތުރުން އެކްޓަރަކީވެސް އޭނާއެވެ.
ނިމާލް ޑައިރެކްޓް ކޮށް ކުޅެފައިވާ 'ޒަލްޒަލާ، ޔޫސުފު ފަދަ ފިލްމުތައް ފަދައިން އަމިއްލައަށް ލިޔެ އުފެއްދި 'ސިޓީ' އަކީ ދިވެހިންގެ މަގުބޫލުކަން ހޯދި ފިލްމެކެވެ.
އުމުރުން 62 އަހަރުގައި ނިމާލް ނިޔާވި އިރު، 3 ކުދިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ.
