ރާއްޖެއަށް މި ވަގުތު ކުރަމުންދާ ދުންފުހުގެ އަސަރު ދިގު މުއްދަތަކަށް ފޯރުމަކީ އާންމު ސިއްހަތަށް ގެއްލުން ވާނެ ކަމަށް ވާނެތީ މި މައްސަލަ ހައްލުކުރުމަށް ސައިންޓިފިކް ދިރާސާކޮށް ބައިނަލްއަގްވާމީ ފަރާތްތްކާއެކު މަޝްވަރާކުމަށް ކަމާ ބެހޭ ފަރާތަކަށް ބާރު އަޅަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މޫސުމީ ގޮތުން ކުރިމަތިވާ ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތާއި، ތިމާވެށީގެ ރައްކާތެރިކަމާއި، އިގްތިސާދީ ދެމެހެއްޓެނިވި ކަމާ ސީދާ ގުޅިފައިވާ ކަމަކަށް ވާތީ، ދިވެހި ސަރުކާރުން މިކަމަށް ގައުމީ ފެންވަރުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތާ ގުޅިގެން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް އަންނަ މިފަދަ ވައި ނުސާފުވުމުގެ އަސަރު ގައުމަށް ދިގު މުއްދަތަކަށް ފޯރުމަކީ އާންމު ސިއްހަތަށާއި، އިޖުތިމާއީ ދުޅަހެޔޮކަމުގެ އިތުރުން، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ. މި ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ޖައްވަށް މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ނަތީޖާއެއް ކަަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މޫސުމީ ވަޔާއެކު ސަރަހައްދީ ގައުމުތަކުން ބޭރުވާ ނުސާފު ވައި، ރާއްޖެއާ ހަމައަށް ފޯރަމުންދާ ކަމަށާއި ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުންނާއި، ކުޑަ ބިމެއްގައި އާބާދީ ތޮއްޖެހިފައި އޮތުމުގެ ސަބަބުން، ގައުމުން ބޭރުން އަންނަ މިފަދަ ތިމާވެށީގެ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ބޮޑު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސައިންޓިފިކް ދިރާސާތަކާއި، މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ބާރު އަޅަމުން ދާ ކަމަށް ބުނެފައި ވެއެވެ.
ވައިގެ ނުސާފުކަން ކުޑަކޮށް، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިގުމުއްދަތުގެ ހައްލުތައް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ދުވަސްވަރު ޜާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުން އަންނަ އިރު މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ ލަފާ ކުރެވޭ ގޮތުގައި މި ދުންފހުގެ އަސަރު ކުރިއަށް އޮތް 5 ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
