ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޓީމާއި، މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފައެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހުނު މިމެޗު، 5-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މިއީ އޮޑި ސްޕޯޓްސް ކްލަބުގެ ތާރީހުގައި އެ ކުލަބުން ހޯދި ފުރަތަމަ ތަށި ކަމަށްވާއިރު މިއީ އެ ކުލަބުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ. ޗެމްޕިއަންކަން ހޯދި އޮޑިއަކީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެމްޕިއަން ޓީމަށް، ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. ޕްރެޒިޑެންޓްސް ކަޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ، މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ.
