މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކޮށްފިއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި ކްލަބް އީގަލްސް ބަލިކޮށް މާޒިޔާއިން މުބާރާތް ކާމިޔާބުކޮށްފައިވާ 2-0 ގެ ނަތީޖާއިންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މާޒިޔާއިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިބްރާހީމް އައިސަމްއެވެ. މި ގޮތުން މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި މާޒިޔާގެ ނާއިޒް ހަސަން (ދާދު) އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އައިސަމް ވަނީ ފަސޭހަކަމާއެކު ގޯލަށް އަމާޒުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފްގައި ކްލަބް އީގަލްސް އިން ވެން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމަށްވެސް އިތުރު ލަނޑެއް ޖަހާނެ ފުރުސަތެއް ނުލިބިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅެން ލިބުނު އިތުރު ވަގުތުގެ، ފުރަތަމަ މިނިޓުގައި އައިސަމްވަނީ މާޒިޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުފުޅާކޮށްފައެވެ.
އައިސަމްގެ ދެ ލަނޑާއެކު މާޒިޔާއިން މި އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާ، މެޑަލް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އާދީލް ޖަލީލް ވަނީ، 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންކުރާ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.