ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 26,000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީކޮށްފިއެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލުމަށް 26,454 މީހުން ރީ-ރަޖިސްޓަރީކޮށްފައިވާކަމަށެވެ.

މި އިންތިހާބުގައި ރިސޯޓުތަކާއީ ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާކަން ފާހަގަކޮށް އީސީން ބުނީ މި އިންތިހާބުގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުން ކަމަށެވެ. އަދި ސިނާއީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިނުވާކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް 1 ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމަ ކަމަށެވެ. އެގޮތުން މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު ސްރީލަންކާއިން 189 މީހުން ރީ-ރަޖިސްޓަރިކޮށްފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބުގައި ޖުމްލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ އިރު، ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީން ނެވެ. މި އިންތިހާބުގައި ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން ހޮވަން ނިންމާފައިވާ އިރު، ޕީއެންސީން 665 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރާނެއެވެ.

މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.