ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ފުރައްސާރަކުރަމުން އަންނަ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުން ދަނީ ޓިކްޓޮކްގައި "ބޫގާ" ގެ ނަމުން މަޝްހޫރު، ކ.މާލެ، ހ،ފިލިކުރިގެ، އަހްމަދު އާމިރު (51އ)އެވެ.
ފުލުހުން ބުނީ އަހްމަދު އާމިރު ހޯދަމުންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމުން ދާތީ ކަމަށެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
