އިޖްތިމާއި، ދީނީ އަދި އިގްތިސޯދީ ގޮތުން ރާއްޖެ ދަތުރު ކުރަމުން ދަނީ ރަނގަޅު އަމާޒަކަށް ކަމަށާއި މި ހާލަތު ދެމެހެއްޓުމަށް ސަރުކާރުގެ ތަސައްވުރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވުމަކީ މުހިއްމު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝާހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، މާލޭގައި ހުޅުވި ތިނަދޫ ސިޓީގެ ޕީއެންސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެނެސްދީފައިވާ އިރު، މިހާރު މި އޮތް ހެޔޮ ދުވަސްތައް އެ ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށެވެ.

"ވޭތުވެދިޔަ އެކި އެކި އަހަރުތަކުގައި ސިޔާސީ ހަލަބޮލި ކަމުގައި ތޫފާންގެ ތެރެއިން ދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ވާސިލްވެ، ސުލްހަވެރިކަމާއި އަމަންއަމާންކަމާ އެކުގައި މިހާރު ދަތުރުކުރަމުން މި ދަނީ ﷲގެ ފަޟްލުވަންތަކަމާއި މަތިވެރި ރަހުމަތުން. ރާއްޖޭގައި މިހާރު މިއޮތް ހެޔޮ ދުވަސްތައް އަޅުގަނޑުމެން ދަމަހައްޓަން އެބަ ބޭނުންވޭ."
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެގޮތުން ކުރެވޭ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ރާއްޖެ ދަތުރުކުރަމުން މިދަނީ ވަރަށް ވެސް ހެޔޮ އަމާޒަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. އިޖްތިމާއި، ދީނީ އަދި އިގްތިސޯދީ ގޮތުން ވެސް ރާއްޖެ ދަތުރު ކުރަމުން މި ދަނީ ރަނގަޅު އަމާޒަކަށް ކަން ޝަހީމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި ހާލަތު ދެމެހެއްޓުމައްޓަކައި ސަރުކާރުގެ ތަސައްވުރަށް ތާއީދުކުރާ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ވެރިކަން އިތުރަށް ބަދަހިކަމާއެކު ދެމެހެއްޓުމަށް އެޅިގެން ދާނެ ވަރުގަދަ ބިންގަލަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ތިނަދޫ ސިޓީއަށް ބަލާލިކަމުގައި ވިޔަސް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މި ފިކުރުގެ ތެރެއިން އައިސްފައިވާ ތަރައްގީ އެ ރަށުގެ އުތުރާއި ދެކުނުން ވެސް ފެންނަން އޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ތިނަދޫ އިން ފެންނަން ހުރި ތަރައގްިގެ ގިނަ މަޝްރޫއުތަކަކީ މި ސަރުކާރުން ހިންގި މަޝްރޫއުތައް ކަމަށާއި އަދި އަދުގެ ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްތަރު ކަމުގައި ހުންނެވި އިރު ކުރައްވާފައިވާ މަސައްކަތްތައް ކަން ޝަހީމް ފާހަގަކުރެއްވިއެވެ. މިހާރު ތިނަދޫ ސިޓީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކަމާއެކީ ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެ ސިޓީއަށް ރައީސް މުއއިްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އެކަން ވަރަށް ގާތަުން ދެކިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބަކީ ޖަވާހިރެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ތިނަދޫގައި މިހާރު އޮތް ޒުވާން ޖީލު ތަރުބިއްޔަތުވެފައި ވަނީ ވެސް އަދި ތިނަދޫގެ ހުރިހާ ރައްޔިތުންނަށް އެނގޭ އަޖީބަކީ އިތުރު ތައާރަފެއް ބޭނުންވާނެ ފަރާތެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ތިނަދޫއަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުން އެކުގައި މަސައްކަތްކޮށްފިއްޔާ އަޖީބަކީ އެންމެ ގިނަ ވޯޓުން ހޮވިގެން ދާނެ ފަރާތަށް ވާނެ ކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.

ތިނަދޫ ސިޓީގެ މާލޭގައި ހުންނަ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރަމަޟާން މަހުގެ ރެއެއްގައި އެހާ ގިނަ މީހުން އައިސްފައި ވުމުން ވެސް ދޭހަ ވަނީ އަޖީބު މިހާރުވެސް އެހުރީ ހޮވިފައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަޖީބުގެ އިތުރުން ކައުންސިލްގެ މެންބަރުންގެ މަގާމަށާއި އތމ ކޮމިޓީގެ މެންބަރު ކަމަށް ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ވެސް ގާބިލް ބައެއް ކަމުގައި ޝަހީމް ފާހަގަކުރެއްވިއެވެ.